ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮމަންޑޫ އިންޖީނުގެ ހިއްކި ބިމަށް ބަދަލުކޮށް، ކަރަންޓް އަގުހެޔޮކުރަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ށ. ކޮމަންޑޫ އިންޖީނުގެ އެރަށު ހިއްކި ބިމަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާއަށް ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން ވަހީދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެރަށު އިންޖީނުގެ ހިއްކިބިމަށް ބަދަލުކުރުމަށްޓަކައި ބިމާބެހޭ ސިޔާސަތުތަކެއް މިހާރު އެކުލަވައިލަމުންދާ ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަކަށް އިންޖީނުގެ ބަދަލުކޮށްދެއްވާނެ ކަމަށެވެ.

އަދި ކޮމަންޑޫގައި ކަރަންޓްގެ އަގު ބޮޑުވުމުން އެކަމުގެ ޝަކުވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކޮށްފައިވާތީ ކަރަންޓްގެ އަގު ހެޔޮކޮށްދޭނެ ކަމަށް ވައުދުވެޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކަރަންޓްދޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން ކޮމަންޑޫގައި ކަރަންޓްގެ އަގަށް ބަދަލު ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ހުސްވި ހަފްތާގައި ސްޓެލްކޯއާއި ފެނަކައާއެކު ރައީސް އޮފީހުން މަޝްވަރާކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެބައްދަލުވުމުގައި ކަރަންޓް އަގުހެޔޮކުރުމަށް އެފަރާތްތަކުން އެކުލަވައިލާފައިވާ ސިޔާސަތެއް އެމަނިކުފާނާ ހިއްސާކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެކަމާބެހޭ ދެވަނަ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވައި ކޮމަންޑޫގައި ކަރަންޓްގެ އަގަށް ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮއްޓާއި ފޯކައިދޫގައި ފެނާއި ނަރުދަމާ ގާއިމްކުރާނެ ކަމަށާއި އަދި އަލިފުއްޓާއި ކޮމަންޑޫއާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ކޮމަންޑޫގައި ބޭންކިންގެ ހިދުމަތް ދިނުމުގެ ވިސްނުންވެސް އެބަހުރިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.