ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޭރުދުނިޔޭގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެވިއްޖެ: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ބޭރުދުނިޔޭގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާއަށް ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން ވަހީދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއާ މެދު ބޭރު ދުނިޔެއިން ދެކެމުންދިޔަ ގޮތް ނިމުމަކަށް ގެނެސް ދުނިޔޭގެ އާއިލާ ތެރެއަށް ރާއްޖެއަށް ވަދެވިއްޖެ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ބޭރު ގައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުން ބަދަހިވެއްޖެ ކަމަށާއި ބޭރުގެ ހިލޭ އެހީ ތަކާއި ބޭރު ގައުމުތަކުގެ އިތުބާރު ސަރުކާރަށާއި ރާއްޖެއަށް ބޮޑުތަނުން ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ މަދު ދުވަސްކޮޅުތަކުގައި ވަރަށް ގިނަ ކަންކަން ހާސިލުވެއްޖެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ބާރުތައް ކައުންސިލުތަކަށް ދޫކޮށްލައިގެން ކަމަށާއި ލާމަރުކަޒީ ގާނޫނު މަޖިލީހުން ފާސްކުރިއިރު އެގާނޫނު އޮތީ މަޖިލީހުން ގަޑުބަޑުކޮށްފައި ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި އޭރު އެގާނޫނަށް ބޮޑެތި ބަދަލުތަކެއް މަޖިލީހުގެ ތެރެއިން ގެނެސް ގާނޫނު މުޅިންހެން ގަޑުބަޑުކުރީ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރަށްތައް ތަރައްގީ ކުރެވޭނީ ކައުންސިލްތަކަށް ބާރުތައް ދީގެން ކަމަށާއި ކައުންސިލުތައް ފުދުންތެރި ކުރެވިގެން ކަމަށެވެ.