އިބްރާހިމް ޒަކީ
ޒަކާތު ފަންޑުން ސަރުކާރުގެ ހަރަދަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގުމަށް ބޭނުންވާ ހަރަދުތައް ކުރުމަށް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޒަކާތު ފަންޑުން އެއްވެސް ފައިސާއެއް ހަރަދު ކުރައްވާފައިވޭތޯ ބެލުމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، އެފަންޑުން ސަރުކާރު ހަރަދަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގައި ހިމެނޭ ނިކަމެތި ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒަކާތުގެ ފައިސާއިން ހަރަދު ތަކެއް ކުރަމުން އަންނަކަމަށެވެ.
"އެ ފައިސާއިން ދައުލަތަށް އެއްވެސް މިންވަރެއް ދެވިފައެއްނުވާނެ، ހަރަދު ކުރާކަށް، އެހެނެއް ނޫން މުޖުތަމައުގައި ހިމެނޭ ނިކަމެތި ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒަކާތުގެ ފައިސާއިން ހަރަދުތަކެއް އަޅުގަނޑުމެން އެބަ ކުރަމު،"
ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ، ފުދުންތެރިކަން ނުހުންނަ ފަރާތްތަކުގެ ބޯންމެރޯގެ ކަންތައްތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ދިނުމުގެ މަސައްކަތާބެހޭގޮތުން މެންބަރު ޝިޔާމު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ބޯން މެރޯގެ ކަންތަކުގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
"ކުރީ ސަރުކާރުގައިވެސް އޭގެ ޕްރޮގްރާމްތަކެއް ހިންގައިފައިވޭ، ދެން ބްލަޑް ސާވިސްއިން ތެލަސީމިޔާ ކުދިންނަށް ބޭނުންވާ ކަންތައްތައް ޒަކާތު ފަންޑުގައި އެދުނީމަ އެކަންތައްތައް އަޅުގަނޑުމެން ފޯރުކޮށްދެމުން މި ގެންދަނީ،"
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އޭސީ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅާ ބެހޭގޮތުން ޝިޔާމް ކުރެއްވި ސުވާލަށް، މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.