ސްވިމިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ ގައުމީ ދިގު ފެތުމުގެ 14 ވަނަ މުބާރާތް ދާދިފަހުން ހުޅުވި ޕިކްނިކް އައިލެންޑް ކުޑަގިރީގައި ބާއްވަން ނިންމައިފިއެވެ.
ސަރުކާރުން ތަރައްގީކުރި ޕިކްނިކް އައިލެންޑް ކުޑަގިރި، ތަފާތު އެތައް ވަސީލަތްތަކާއެކު އާންމުންނަށް ހުޅުވާލީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި ދިގު ފެތުމުގެ މުބާރާތް ބާއްވަން ތާވަލު ކޮށްފައި ވަނީ މިމަހު 25 ވާ ހޮނިހިރު ދުވަހަށެވެ. މުބާރާތުގައި ބައިވެރިވުން އަންނަ ބުރާސްފަތި ދުވަހުގެ 12 ޖެހުމުގެ ކުރިން ފޯމު ހުށަހެޅުމަށްވެސް އެސޯސިއޭޝަނުން ވަނީ އެދިފައެވެ. މުބާރާތު ގަވާއިދާއި އުސޫލުތައް އަދި ފޯމު ސެޓްވެސް އެސޯސިއޭޝަނުގެ ސައިޓުން ލިބޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މުބާރާތުގައި މިފަހަރުވެސް އެކިއެކި އުމުރުފުރާތަކުގެ އިވެންޓްތައް ރޭވިފައިވާ އިރު، ހާއްސަ ކިޑްސް ސްވިމް ޗެލެންޖެއްގައި ކޮމިއުނިޓީ އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
ގައުމީ ދިގު ފެތުމުގެ މުބާރާތް މީގެ ކުރިން މާލޭ ސަރަހައްދުން ބޭރުގައި ބާއްވާފައިވެއެވެ. ސްވިމިން އެސޯސިއޭޝަނާއި މާލޭ ފިޓްނަސް ކްލަބް ގުޅިގެން 2018 ވަނަ އަހަރު ގައުމީ ދިގު ފެތުމުގެ މުބާރާތް ބާއްވާފައިވަނީ ކ. ދިއްފުށީގައެވެ.