ޚަބަރު

އަމީނީމަގުގައި އޭބީސީ ފަށަލަ އަޅަން ފަށައިފި، އަމާޒަކީ ތިން ދުވަސްތެރޭ ތިން ސެގްމެންޓެއްގައި ތާރު އަޅައި ނިންމުން!

އަލީ ޔާމިން

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އެ މަގުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ ލޭޔަރު) އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެގްރިގޭޓް ބޭސް ކޯސް ފަށަލައަކީ ތާރު އަޅަން މަގު ތައްޔާރުކޮށް ފައްކާކުރުމުގެ މަރުހަލާއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރި ނަމަވެސް، އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އާރުޑީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަމީނީ މަގުގައި ތާރުއެޅުމަށް އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސެގްމެންޓް އެކެއް، ދޭއް އަދި ތިނެއްގައި ހަފުތާއެއްގެ ތެރޭގައި ތާރު އަޅަން ހަވާލުކޮށްފައި އެވަނީ،" އޮފިޝަލް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް “ވަން”އަށް މިއަދު ވިދާޅުވީ ތިން ސެގްމެންޓުގައި ބުދަ ދުވަހުގެ ނިޔަލަށް ތާރުއަޅައި ނިމޭނެ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި އެ މަޝްރޫއުގެ ދަށުން 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 2،511 އަކަ މީޓަރުގެ ސަބްގްރޭޑް އެޅުމާއި، 2،511 އަކަ މީޓަރުގެ އޭބީސީ އެޅުމާއި، 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕްރައިމް ކޯޓް އެޅުން ހިމެނެއެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު، 210 މިލިއަން ރުފިޔާއަށެވެ.

އާރުޑީސީން އެ މަގު ތަރައްގީކުރަން ނިންމާފައިވަނީ ޒަމާނީ ފެންވަރަށް ތާރު އަޅައިގެންނެވެ. އެ މަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެކަމަށް ވެސް އާރުޑީސީން ބުނެފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެކަމަށް ބުނެފައިވެއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މުއްދަތުގެ ކުރިން މަގުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް އާރުޑީސީން ބުނި ނަމަވެސް، މަސައްކަތް ނިންމިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އަމީނީ މަގުގެ މަސައްކަތް ނިންމާލެވޭނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ.