ފޮރިން މިނިސްޓްރީ

ވިސާއާ ނުލާ ދިވެހިނަށް ތައިލޭންޑަށް ދެވޭގޮތް ހަމަޖައްސައިފި

ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ހަމަޖެހިއްޖެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭޕްރިލް 14 އިން ފެށިގެން ވިސާ އާއި ނުލާ ދިވެހިންނަށް ތައިލެންޑްއަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި މި ގޮތަށް ދިވެހިންނަށް އެ ގައުމުގައި ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ތައިލޭންޑްގެ ސަރުކާރުން ދިވެހިންނަށް ވިސާ ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުން ފޮރިން މިނިސްޓަރު ޝާހިދުވެސް ވަނީ އެ ސަރުކާރަށް ޝުކުރު އަދާކޮށް ޓުވީޓުކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ އިރު ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ.