ޖަޒީރާ ރަށްވެހިކަމުގެ ތަރައްގީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިފެހެއްޓުމަކީ ''ނާމުމްކިން'' ނުވަތަ "އިމްޕޮސިބަލް" ކަމެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދިއުމަށް ހެދި ކުޑަގިރި ޕިކްނިކް އައިލެންޑް ރިސޯޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ, ރާއްޖޭގެ ތާރީހު ދުށް ތަރައްގީގެ އެންމެ ހެޔޮއަސަރު މުޅި ރާއްޖެއަށް ފެތުރުއްވި ރައީސަކީ ރައީސް ސޯލިހު ކަމަށެވެ.
އެގޮތުން އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ކުންފުނި ކަމަށްވާއިރު, ރައީސް ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީން މިހާތަނަށް 135 މަޝްރޫއެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 130 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު، މި ސަރުކާރުގެ ފަސް އަހަރުތެރޭ ކޮންމެ 11 ދުވަހަކުން ތަރައްގީގެ މަޝްރޫއެއް އެމްޓީސީސީން ނިންމަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ, ޖަޒީރާވަންތަ ތަރައްގީ ކޮންމެ ރަށަކުން ފެންނަމުންދާއިރު އެކަމުން ފެންނަނީ ރައީސް ސޯލިހުގެ ވައުދުފުޅުގެ ތެދުކަން ކަމަށެވެ. އެހެންކަމުން އިދިކޮޅު އެއްވެސް ލީޑަރަކަށް ތަރައްގީގައި ރައީސް ސޯލިހު ހިފެހެއްޓުމަކީ ނުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އޭގެން ހާމަކޮށްދެނީ ރާއްޖެ ދުށް އެންމެ ބަރާބަރު ސަރުކާރަކީ މިއީކަން. ވޯލްޑް ކަޕް ފައިނަލުގައި އިދިކޮޅު ޓީމަށް މެސީ ހިފަހައްޓާ ނުލެވުނު ފަދައިން ޖަޒީރާ ރަށްވެހިކަމުގެ ތަރައްގީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް މަނިކުފާނު ހިފަހައްޓާލުމަކީ ނާމުމްކިން, އިމްޕޮސިބަލް ކަމެއް," އާޒިމް ވިދާޅުވިއެވެ.