ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީ ސަރުކާރުން ހޯމް މިނިސްޓަރު އަތުން ނަގާފައިވާ ބާރުތައް މި ހަފްތާގައި ދޫކުރާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ސަރުކާރުން ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަ ބޭފުޅަކަށް ދީފައިވާ ބާރުތައް ނަގާފައިވާ ކަމަށާއި އެ ބާރުތައް އަލުން މި ހަފްތާތެރޭ މިނިސްޓަރަށް ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ށ. ކޮމަންޑޫގައި މިހާރު ކުރިއަށްދާ އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ގާނޫނީ ގޮތުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެބާރުތައް ހޯމް މިނިސްޓަރަށް ހަވާލުކުރެއްވުމަށް ސޮއިކުރައްވަންޖެހޭ ލިޔެކިއުންތަކުގައި ސޮއިކުރައްވައި އެކަން ނިންމަވާފައިކަމަށެވެ.

''ހޯމް މިނިސްޓްރީގައި އޮތް ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައްވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނަންގަވާފައި. ބުރާސްފަތި ދުވަހު އަޅުގަނޑުވާނީ އެބާރުތައް އަނެއްކާވެސް ހޯމް މިނިސްޓަރަށް ދޫކޮށްލުމަށް ސޮއިކުރަންޖެހޭ ލިޔުމުގައި ސޮއިކޮށް އެކަން ނިންމާފައި. ފުލުހުންގެ ގާނޫނުގައި އެވާ ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް ހޯމް މިނިސްޓަރަށް ލިބި އޭރުނަގާފައި އޮތް ހުރިހާ ބާރުތަކެއް އަޅުގަނޑުވާނީ މިހާރު ދޫކޮށްލާފައި.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ކަންކަން އިސްލާހު ކުރުމަށްޓަކައި ގިނަ ބަޔަކުކުރި ބުރަ މަސައްކަތުން ކަމަށާއި މިއަދު ކުރައްވަމުން ގެންދަވަނީ އޭރު ހުރިހާ ރައްޔިތުން ބޭނުންވި ބަދަލުތައް ގެނައުމަށް ގާނޫނުތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.

އަދި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ބަދަލުތައް ގާނޫނުތަކަށް ގެނެވޭތޯ އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިފަދައިން ވާހަކަފުޅު ދެއްކެވި އިރު، ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ތަކުރާރުކޮށް ވިދާޅުވެފައިވަނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ބެހެއްޓެވީ ބާރުތައް ނެންގުމަށްފަހު ކަމަށެވެ.

އަދި ފިޔަކޮށާފައި ބެހެއްޓުމުގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާކަމަށް އުމަރު ވިދާޅުވެފައިވެއެވެ.