ޚަބަރު

ކުޑަގިރި ކައިރީގައި ސްކޫލު ކުދިން ކޭމްޕް ދާން ހާއްސަ ރަށެއް ހަދަނީ

ކުޑަގިރި ޕިކްނިކް އައިލެންޑް ކައިރީގައި ސްކޫލު ކުދިން ކޭމްޕް ދާނެ ރަށެއް ހަދަން އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހެދި ކުޑަގިރި ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމުން މަހުރޫމު ވެފައިވާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަދި ކުޑަގިރިއަކީ މާލޭ ރައްޔިތުންގެ ރަށެއް ކަމަށާއި އެ ރަށުން އާއިލާތަކަށް އިތުރު ހިންހަމަޖެހުމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުޑަގިރިއާއެކު އެރަށް ކައިރީގައި އިތުރު ރަށެއް ހެދުމަށް އެޗްޑީސީއަށް ޝަރުތުކޮށްފައިވާނެ ކަމަަށާއި އެރަށް ހާއްސަކުރާނީ ސްކޫލު ކުދިންނަށް ކަމަށެވެ.

“އެއީ އެޑިއުކޭޝަން ދާއިރާގެ ތައުލީމު އުނގެނެމުންދާ ކުދިން ދަތުރު އައިސް ކޭމްޕުކޮށް، ސްކައުޓުންނާއި ގާލްގައިޑުންނަށް އެ ހިދުމަތްތައް ލިބޭނެ ގޮތަށް ތައްޔާރުކުރެވޭ ރަށެއް،”ރައީސް ވިދާޅުވިއެވެ.