ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ތަރައްގީކުރި ކ. ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު ހުޅުވައިދެއްވައިފިއެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ. ކުޑަގިރި ބަލަހައްޓަން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ.
ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
އެޗްޑީސީން ބުނެފައިވާގޮތުގައި ކުޑަގިރިއަށް ޕިކްނިކް ދާ މީހުން ބޭނުންވާނެ އަސާސީ ކަންކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އެގޮތުން ކުޑަގިރީގައި ފާހަނާ ބަރި، ޗޭންޖިން ރޫމް އަދި ނާސިން ރޫމް ގާއިމުކޮށްފައިވާ ކަމަށެވެ. ނާސިން ރޫމް ގާއިމުކޮށްފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުން ދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ. ކުޑަގިރީގައި ކްލިނިކަކާއި ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއަކާއި މިސްކިތެއް ވެސް ހުންނާނެއެވެ.
ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވިޔަސް އެރަށުގައި ކައިވެނީގެ ހަފުލާތަކާއި އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓުތައް ބޭއްވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި ޓޫރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ކަނޑައަޅާފައިވާ އިރު، އާންމުން ބޭނުންކުރުމަށް 13 ކުޑައަށި އަދި ހަތަރު ބޮޑުއަށި ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން އެޑްމިން ބިލްޑިން އަކާއި ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ގާއިމުކޮށްފައެވެ.
ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓު ދޫކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެރަށަށް ކޮންމެ ދުވަހަކު މާލެއިން ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ. އެގޮތުން މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 06:30 އާއި 06:50 އާއި 07:10 ގައެވެ. އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 5:20 އާއި 5:40 އަދި 6:00 ގައެވެ.