ޚަބަރު

ކާރަކާއި ސައިކަލެއް ޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ކާރަކާއި ސައިކަލެއް ޖެހި ސިނަމާލެ ބުރިޖާ ގުޅިފައި އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭން މާލެއަށް ދުއްވި ކަޅު ކުލައިގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ފިރިހެން މިހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މިއަދި ބުނީ އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދުގެ ވީޑީއޯއެއް "ވަން" އަށް ލިބިފައިވާ އިރު، އޭގެން ފެންނަ ގޮތުގައި ސައިކަލު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ. އަދި އެކްސިޑެންޓުވި ކާރުގެ ކުރީކޮޅު އޮތީ އެއްކޮށް ބަނޑިވެފައެވެ.