ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ތާޖް އެނިވަރސަރީ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ތާޖުއްދީން ސްކޫލަށް 30 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލުން އިންތިޒާމްކޯށްގެން ބޭއްވެވި އެނިވަރސަރީގެ ހާއްސަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އެގޮތުން އެ ސްކޫލުގެ ފަރާތުން މިއަދު ހެނދުނު ވަނީ ދުވުމަކާއި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން އެކި ދުވަސްވަރު ތާޖުއްދީން ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނާއި އެ ސްކޫލްގެ މުވައްޒަފުންވަނީ މިއަދު ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެޑިއުކޭޝަން މިނިސްޓަރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ތާޖް ރަން ސޯޝަލް ސެންޓަރުން ފަށާފައިވާއިރު ތާޖް އެނިވަރސަރީގެ ހާއްސަ ރަސްމިއްޔާތު އޮތީ ހެންވޭރު ދަނޑުގައެވެ. އެ ރަސްމިއްޔާތުގައި އެ ސްކޫލުގައި 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމަށް ހަނދާނީ ފިލާއެއް ވަނީ އެ ބޭފުޅުންނަށް ދެއްވަފައެވެ. ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ރަސްމިއްޔާތުގައި ތާޖުއްދީން ސްކޫލްގެ އެނިވަރސަރީ މެގަޒިންވެސް މެޑަމް ފަޒްނާ ވަނީ އިފްތިތާހްކޮށްދެއްވާފައެވެ. އަދި އޭގެ އިތުރުން ސްކޫލާއި ގުޅޭ ހާއްސަ ކުއިޒެއްވެސް ވަނީ ބާއްވަވާފައެވެ.