ޚަބަރު

އުކާލާ ކުނި ބޭނުންކޮށްގެން މާލޭ ސިޓީ ކައުންސިލުން ރައްކާތެރި ގަސްކާނާ ތައްޔާރުކުރަނީ

އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ރާއްޖޭގެ މާހައުލާ ގުޅޭ ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި އެކައުންސިލްގެ 88 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

އިއްޔެގެ ކައުންސިލް ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ގަސްކާނާ ތައްޔާރުކުރަން ނިންމީ، މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މި މަސައްކަތާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މުނިސިޕަލް ކޮމެޓީގެ ފަރާތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވިގޮތުގައި އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލީގެ އިތުރުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމުން، ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާއަށް ބަރޯސާވުން ނިމުމަކަށް ގެނެވޭނެ އެވެ.

ރައްކާތެރި ގަސްކާނާ އުފެއްދުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ހަސަން ވަހީދު ވިދާޅުވި ގޮތުގައި މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކެއް އެބަހުރި ކަމަށާއި، އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބެއްގައި މަސައްކަތް ކުރެވޭނެ ބިމެއް ކަނޑައަޅައި ވަސީލްތަތައް ފުރިހަމަކުރަން ޖެހޭ ކަމަށެވެ. އަދި ގަސްކާނާ އުފެއްދުމަށް ހާއްސަ އުސޫލެއް އެކުލަވައިލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.