އެޖެންޑާ 19

ރ. އަތޮޅު އަބަދު އެއްގޮތަކަށް ނޯންނާނެ، ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ: ރައީސް

އަހުމަދު ޖައިޝަން

ރ. އަތޮޅު އަބަދު އެއްގޮތަކަށް ނޯންނާނެ ކަމަށާއި، މި ފަހަރުގެ އިންތިހާބުގައި ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި މާޅޮސްމަޑުލު އުތުރުބުރި އެޖެންޑާ19 ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރ. އަތޮޅުން މިހާތަނަށް އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ގޮނޑިއެއް ލިބިފައިވަނީ އަލިފުށި ދާއިރާއަށް އެކަނިކަމަށެވެ.

"އެހެންނަމަވެސް އަބަދަކު އެއްގޮތަކަށް ނޯންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ މިއަތޮޅު ބަދަލުވެގެން ދާނެ ފަހަރު، އިރާދަ ކުރެއްވިއްޔާ މިއަތޮޅުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބު ވެގެންދާނެ" އެމަނިކުފާނު ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް އަޣުލަބިއްޔަތެއް ލިބުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް މީގެކުރީންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް ކަމަށާއި އެގޮތަށް ސަރުކާރެއް ހުއްޓިއްޖެއްޔާ ވައުދުތައް ފުއްދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު މިދެންނެވިހެން ރައްޔިތުންގެ މަޖިލިސް މުހިންމުވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ ބާރު ވަރަށް ގަދަ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް. އެހެންކަމަށްވަންޏާ މިގޮތަށް ސަރުކާރެއް ހުއްޓިއްޖެއްޔާ އަޅުގަނޑުމެންނަށް މި ވައުދުތައް ފުއްދޭނެ ގޮތެއް ނެތް. އެހެންވީމާ އަޅުގަނޑު މިދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް އޮންނަންޖެހޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.