މަޖިލިސް މެންބަރު އަލީ ނިޔާޒް

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ އިންސާފު ނުލިބުން: އަލީ ނިޔާޒު

ފަތޯނާ ފާއިޒު

2

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ފާހަގަ ކުރެވުނީ އިންސާފު ނުލިބުމުގެ މައްސަލަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ނިޔާޒު އެހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނިޔާޒު ވިދާޅުވީ ރައްޔިތުން އޭރު ކުރި ޝަކުވާ ތަކަކީ ހަގީގީ މައްސަލަތަކެއްކަން އެނގެނީ ކަންކަން ގާތުން ބަލަން ފެށުމުން ކަމަށެވެ. އެގޮތުން ހަމައެކަނި ކްރިމިނަލް ކޯޓަށް ބެލިޔަސް، 10 އަހަރު ނުވަތަ 5 އަހަރުވެފައިވާ މައްސަލަތައް ގިނަކަން ނިޔާޒު ފާހަގަކުރެއްވިއެވެ.

"އަދި އެއް ފަނޑިޔާރެއްގެ އަތުގައި އެތައް ބައިވަރު މައްސަލަތަކެއް ނުބެލި ހުރިކަމާއި، އެފަދަ ކަންކަން އެނގުނީމަ ރައްޔިތުން އެދެއްކީ ދައްކަން ޖެހޭ ވާހަކައެއްކަން ޔަގީން ވެގެން މިދިޔައީ" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ކޯޓުތަކުގައި އެކި މައްސަލަތައް ދިގުލައިގެން ގޮސް، ރައްޔިތުންނަށް އިންސާފު ނުލިބި ލަސްވަނީ ސަބަބުތަކެއް އޮވެގެން ކަމަށާއި އެކަންކަން ރަނގަޅު ނުކޮށް ދެންވެސް ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ކޯޓުތަކުގައި ހުރި މައްސަލަތަކާ އަދި ފަނޑިޔާރު ގޭގައި ހުރި މައްސަލަތައް ހައްލު ކުރުން. އެކަންކަން ހައްލު ނުކޮށް ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ކޯޓުތަކުގައި ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގެނެވުނީ އެމްޑީޕީގެ މެންބަރުން މުޅި ދައުލަތް ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި އެޖެންޑާ 19ގެ ބޭނުމަކީ ސަރުކާރު އެކަނި ޖަވާބުދާރީ ކުރުވުން ނޫން ކަމަށާއި މުޅި ދައުލަތް ޖަވާބުދާރީ ކުރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟