ރާއްޖޭގެ ރައްޔިތުންގެ ކިބައިން ގެއްލިފައިވާ މިނިވަން ކަމާއި ހައްގުތައް ވަނީ އަނބުރާ ހޯދައިދެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އަލިފުށި ދާއިރާއަށް ވާދަކުރާ މުހައްމަދު ރަޝީދު ހުސައިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމަށް މަޖިލީހަށް ހުށަހަޅާފައިވާ ހުރިހާ ގާނޫނެއް މިހާރު ވަނީ ބާތިލުކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ ފަސް ވަރަކަށް މަސް ކުރީން ރާއްޖޭގައި ގިނަ ހައްގުތަކެއް ވަނީ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައި ކަމަށެވެ.
"އަސާސީ ހައްގުތަކެއް ނެތް. މިނިވަންކަން ވަނީ އޭރު ގެއްލިފައި. އެއްވެ އުޅުމުގެ މިނިވަންކަމެއްނެތް. ނޫސްވެރިކަމުގެ މިނިވަން ކަމެއް ނެތް. ރައްޔިތުންނަށް ބަސްބުނުމުގެ މިނިވަން ކަމެއް ނެތޭވެސް އަޅުގަނޑަށް ކެރިދާނެ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި ވަނީ ފައިސާއަށް ހިޔާނާތްތެރިވުމަކީ އާންމުކަމަށް ވެފައި ކަމަށާއި ތަރައްގީގެ ނަމުގައިވެސް ބޮޑެތި މަކަރުތައް ހަދާފައިވާ ކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ.
ރައީސް ވިދާޅުވީ ގައުމުގެ ބޮޑެތި މާލީ އިދާރާތްތަކާ މެދު އޮންނަންވީ އިތުބާރު އޭރުގައި އެއްވެސް ވަރަކަށް ނެތް ކަން ފެނިގެން ދިޔަ ކަމަށެވެ.
އޭގެއިތުރުން މަޖިލީހަށްވެސް ނުފޫޒުފޯރުވާފައިވާ ކަމަށާއި އެކަންތައްތަކަކީ މީގެ ފަސް އަހަރު ކުރީން ރާއްޖެ އޮތްގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.