ސިނާއީ ބޭނުމަށް ތިލަފުށި ފޭސް ދޭކުން ބިން ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ވަނީ 50 ބިމެއް ވިއްކަން ހުޅުވާލައިފައެވެ. އެ ބިންތަކުގެ ބޮޑު މިނަކީ 25،000 އިން ފެށިގެން 35،000 އަކަފޫޓެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކަށްވެސް ހުށަހެޅޭނެ ކަމަށާއި ބޭރުގެ ކުންފުންޏަކުން ބިން ގަންނަން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފިނަމަ އެ ފަރާތަކަށް ބިން ވިއްކުމުގެ ބަދަލުގައި ހަމަޖެހިފައިވަނީ ބިން 99 އަހަރަށް ކުއްޔަށް ދިނުން ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެނަމަ ބިން މިލްކުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ބިން ގަންނަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށާއި ބިން ލިބޭނީ އެންމެ މަތިން ބިޑް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ތިލަފުށި ފޭސް ދޭކުން ބިން ވިއްކަނީ އަކަފޫޓަކަށް 1700 ރުފިޔާގެ މަގުން ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ތިލަފުށި ފޭސް ދޭކުން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެބްސައިޓް މެދުވެރިކޮށް ބިން ގަތުމަށް ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި ބިން ގަތުމަށް ބޭނުންވާ މައުލޫމާތު ޝީޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބިން ގަތުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، އެ ބިންތަކަށް ހުށަހެޅުމުގެ ސުންގަޑިއެއް ދީފައެއް ނުވެއެވެ.