ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަ އަދި ބޮޑު މިންވަރުގެ ވައްކަމެއްވެސް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އަލިފުށި ދާއިރާއަށް ވާދަކުރާ މުހައްމަދު ރަޝީދު ހުސައިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ކިތަންމެ ގިނަ ދުވަހަކު ވެރިކަން ކުރަން ޖެހުނު ނަމަވެސް ވައްކަމަކީ ދުވަހަކުވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރަށް އެއްވެސް ބޮޑު ކަމެއް ނުކުރެވޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ބައެއްމީހުން ބުނޭ ކޮން ކަމެއް ހޭ ކުރެވުނީ. ބޮޑުކަމެއް އަދިވެސް ކުރެވިފައެއް ނެތޭ. ތެދުފުޅެއް. އަޅުގަނޑުމެން ހަމަ ގައިމުވެސް ބޮޑުކޮށް، ބޮޑުކޮށްނެއްވެސް ނޫން ކުޑަކޮށްނެއްވެސް ވައްކަމެއް ނުކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއް ވެފައެވެ.
އެ މައްސަލައާ ގުޅޭ ރިޕޯޓު ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާންމުކޮށްފައިވާއިރު ބޮޑެތި ކުންފުނިތަކާއި އާންމު ފަރާތްތަކާ އެ ފައިސާއާ ގުޅުންހުރި ކަން ވަނީ ހާމަވެއެވެ.