ޚަބަރު

އާސަންދައިގެ ހަރަދު 4 ގުނައަށް އިތުރުވީ ޕްރައިމަރީއާ ގުޅިގެންތޯ ނަޝީދު ކުރެއްވި ސުވާލަށް ގަޕޯގެ ރައްދު!

އިބްރާހިމް ޒަކީ

ފާއިތުވީ އަހަރު ދުވަސް ތެރޭގައި އާސަންދައަށް ކުރި ހަރަދު ހަތަރު ގުނަ އިތުރުވެފައިވާއިރު، އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުފުޒު ފޯރުވުމަށް ސަރުކާރުން ކުރި ކަމެއްތޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އުފެއްދެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުލް ޣަފޫރު މޫސާ (ގަޕޯ) ރައްދު ދެއްވައިފިއެވެ.

ވަށައިޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން ނަފުސާނީ ސިއްހަތާ ގުޅޭ ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބްދުالله ރިޔާޒު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި، ގަރާރުގެ ބަހުސްގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން، މެންބަރުންނަށް އެނގެން ޖެހޭ މައުލޫމާތުތަކެއް ކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާސަންދައަށް 67.9 މިލިއަން ރުފިޔާ ހަރަދު ވެފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 283.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު އާސަންދައަށް ކުރި ހޭދަ އިތުރުވެފައިވާ މައްސަލައިގައި، ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި، މަޖިލިސް ރައީސް ތުހުމަތުކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ތެރެއިން ކުރި ކަމެއްގެ ގޮތުގައެވެ.

"މިދިޔަ އަހަރުގެ ޖަނަވަރީމަހު އާސަންދައަށް 67.9 މިލިޔަން ރުފިޔާ ހަރަދު ކުރެވުނީ، މިއަހަރުގެ ޖެނުއަރީމަހު 283.4 މިލިޔަން ރުފިޔާ އާސަންދައަށް ހަރަދު ކުރެވިއްޖެ، އެހެންވީމާ މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި މިއަހަރުގެ ޖަނަވަރީމަހާ އަޅައިބަލާއިރު 4 ގުނައިން ބަލިމީހުން އިތުރު ވެގެން ހިނގައްޖެ، ދެން އެއީ އެތެރޭގެ އިންތިހާބަކާ ގުޅިގެން އައި ބަދަލެއްތޯ، ނުވަތަ ހަގީގަތުގައިވެސް ބަލި މީހުން ހަތަރު ގުނަ އިތުރުވެގެން ދިޔައީތޯ މިއީ މި މަޖިލީހުން އަހަން ޖެހޭ ސުވާލެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މި ގަރާރުގެ ބަހުސްގައި ދެއްކެވި ވާހަކައިގައި، މަޖިލިސް ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، މެންބަރު ޣަފޫރު ވިދާޅުވީ، ހުސްވި 2022 ވަނަ އަހަރުގެ ޖަނަވަރީ މަހަކީ އަޅުގަނޑުމެން ކޮވިޑުގެ ހާލަތުން އަރައިނުގަނެ އޮތް މަހެއް ކަމަށެވެ. އެހެންކަމުން އެމަހު އާސަންދައިން ކުރި ހަރަދު މަދުވުމަކީ ރައްޔިތުނަށް އޮޅޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް ދުނިޔޭގެ ގިނަ ގައުމުތައް ބަންދު ކޮށްފައި އޮތުމުގެ ސަބަބުން އާސަންދައިން ބޭރަށް ދެވޭނެ އިންތިޒާމެއް ނެތިގެން ވަރަށްގިނަ މީހުން ބޭސް ފަރުވާއަށް ނުގޮސް އެބޭފުޅުން މަޑުކުރެވެން ހުރި ކަންތައްތަކަށް މަޑުކޮށްފައި ވަނީ، އެހެން ނަމަވެސް މިހާރު މުޅި ދުނިޔެ ހުޅުވުމާއެކު ޖެނުއަރީމަހުވެސް ފެބްރުއަރީމަހުވެސް އަދި ދެންހުރި މަސްތަކުގައިވެސް ހަމަ އާއްމު ހާލަތަށް އައިސް އާސަންދައިން ބޭސްފަރުވާ ކުރެވޭ އަދަދު އާއްމު ހާލަތުގައި ދެމިގެންދާނެ،" ގަފޫރު ވިދާޅުވިއެވެ.