ޚަބަރު

ކޮމިޓީތަކުގައި 19 ބިލު އެބައޮތް، މަސައްކަތުގައި ސުންގަޑިއަށް އަމާޒު ހިފިފައެއްނުވޭ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި 19 ބިލެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި މިއަހަރަށް މަޖިލީހުގެ މަސައްކަތްތައް ފަށާއިރު، ނިމިދިޔަ އަހަރުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްތަކުގެ ތެރެއިން ބައެއް ބިލުތައް މިހާރުވެސް ކޮމިޓީތަކުގައި ހުރިކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ މި ދައުރަށްވެސް އިތުރު 23 ބިލެއް ހުށަހެޅުމަށް ސަރުކާރުން ލިސްޓު ކޮށްފައިވާ ކަމަށެވެ.

"ސަރުކާރުން 23 ބިލެއް މަޖިލީހަށް ހުށަހަޅަން ލިސްޓު ކޮށްފައި އެބަވޭ، އެ ލިސްޓު، ޕޯޓަލުން ތި ހުރިހާ މެންބަރުންނަށް ފެންނާނެ ގޮތް އަޅުގަނޑު ހަމަޖައްސައިދޭނަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީތަކުގައި ޖުމުލަ 19 ބިލު އޮތްއިރު، ބައެއް ކޮމިޓީތަކުން ސުންގަޑި ދެއްވުމަށްފަހުވެސް އެ ސުންގަޑިއަށް އަމާޒު ހިފިފައި ނުވާ ކަމަށެވެ. އަދި ކޮމިޓީތަކުން ކަންކަން އިތުރަށް ބެއްލެވުމަށްފަހު، އަންޒާދާޒާއެއް އެކުލަވާލައި އެ އަންދާޒާއަކީ ކޮމިޓީ ތަކުގައި ހުރި ބިލްތައް ނިންމާނެ ސުންގަޑީގެ ގޮތުގައި ކަނޑައަޅައިދެެއްވުމަށްވެސް މަޖިލިސް ރައީސް ކޮމިޓީތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ކޮމިޓީތަކުގައި ހުރިކަމަށް މަޖިލިސް ރައީސް ވިދާޅުވި ބިލުތައް:

ޖުޑިޝަރީ ކޮމިޓީގައި 7 ބިލު އިގްތިސޯދީ ކޮމިޓީގައި 2 ބިލު މާލިއްޔަތު ކޮމިޓީގައި 2 ބިލު އިޖުތިމާއީ ކޮމިޓީގައި 2 ބިލު ލާމަރުކަޒީ ކޮމިޓީގައި 1 ބިލު ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި 1 ބިލު އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި 1 ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި 2 ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި 1 ބިލު