މިއަދު ހަވީރު ކުޅުނު އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސަޕޯޓަރުންގެ ފަރާތުން ހިންގި ހަމަނުޖެހުމެއްގެ މައްސަލަ ބަލައި، ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މިއަދު ހަވީރު އޮތް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރީ ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލެވެ. އެ މެޗު ކަލާފާނުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، މެޗު ނިމުމުން ގުރައިދޫގެ ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެފްއޭއެމްގެ ފަރާތުން ދަނީ މައްސަލަ ބަލަމުންނެވެ. އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުން ރެފްރީ، ރެފްރީ ރޫމަށް ވަނުމުގެ ކުރިއަށް ދަނޑުން ފައިބަން ދިޔަ ވަގުތު ބައެއް ސަޕޯޓަރުން ވަނީ ރެފްރީއަށް ކޮންމެވެސް ވަރަކަށް ހަމަލާ ދީފައެވެ
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަން" އަށް ވިދާޅުވީ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މައްސަލަ ބަލައި ހަރުކަށި އަދަބު ދީ، ފިޔަވަޅު އަޅާނެ ކަމަށެވެ.
އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު މިރޭ އޮންނަ އިރު، އެ މެޗުގައި ވާދަކުރާނީ އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ. މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު މިރޭ އޮންނާނީ 8:30 ގައެވެ.
އެފްއޭއެމްގެ ފުރަތަމަ ޑިވިޝަން ކޮލިފިކޭޝަންގައިވެސް ދާދިފަހުން ވަނީ ރެފްރީއާ ހަމަ ނުޖެހުމެއް ހިންގައިފައެވެ. މިދިޔަ އޯގަސްޓް މަހު ކުޅެވުނު ޕްރިމިއާ ލީގު ކޮލިފިކޭޝަން މެޗު ނިމެން ދަނިކޮށް ހުއްޓާލަން ޖެހުނު އިރު، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މެޗު ހުއްޓާލަން ޖެހުނީ ޓީނޭޖްގެ ބައެއް އޮފިޝަލުންވެސް ދަނޑަށް އަރައި ރެފްރީއަށް ޝަކުވާ ކުރަން ފެށުމާއެކު، ރެފްރީ ޝަކީލް ދަނޑުން ފޭބުމުންނެވެ. އެ މައްސަލައިގައިވެސް އެފްއޭއެމްއިން ވަނީ ފިޔަވަޅު އަޅާނެ ކަމަށް އަންގައިފައެވެ.