އއ. ރަސްދޫގެ "ރަސްދޫ ވިއު އިން" އިން އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައި ބިއްލޫރި ފުޅި ބޭނުންކުރަން ފަށައިފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ވިއު އިންގެ ޖެނެރަލް މެނޭޖަރު ހުސައިން ސިމާއު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ ގެސްޓް ހައުސްގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ބަދަލުކުރަން ނިންމާފައިވަނީ ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު އިތުރުވާކަން އެނގުމުން އެކަމަށް ސަސްޓެއިނަބަލް ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށެވެ.
"އަސްލު ގެސްޓުން އުޅެންޏާ ދުވާލެއްގެ މައްޗަށް ޕްލާސްޓިކް ކުޑަފުޅީގެ އެއް ކޭސް އެބަ ހުސްވޭ. އަދި ކާން ދޭނަމަ ދުވާލެއްގެ މައްޗަށް 1.5 ލީޓަރުގެ ދެ ކޭސް އިތުރަށް އެބަ ހުސްވޭ،" ސިމާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ގެސްޓް ހައުސް ތަކުން ޕްލާސްޓިކް ހުސްފުޅިތައް ވަރަށް ގިނައިން ބޭނުން ކުރާކަން ވަނީ ފާހަގަ ކުރެވި ފައެވެ.
ރަސްދޫ ވިއު އިންގެ ގެސްޓް ހައުސްގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރާއިރު އެއަށް ބޭނުންކުރަނީ ދެ ވައްތަރެއްގެ ފެނެއް ކަމަށް ސިމާއު ވިދާޅުވިއެވެ.
"އެ ފުޅިތަކަށް ފެން އަޅަން ފަސް ލީޓަރުގެ ފެން ފުޅީގެ އިތުރުން ވާރޭ ފެން ފިލްޓާ ކޮށްގެން ބޭނުން މި ކުރަނީ. ދެ ގޮތަށްވެސް ބޭނުންކުރަނީ. އެކި ގެސްޓުން ބޭނުންވަނީ އެކި ގޮތްގޮތަށް،" އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތުގެ ސަބަބުން ޕްލާސްޓިކް ބޭނުންކުރުން މަދުވުމާއި ރަށުގެ އެހެން ގެސްޓު ހައުސްތަކުގައި ޕްލާސްޓިކް ބޭނުންކުރުން މަދުވުމަކީ ކުރާ އުއްމީދެއް ކަމަށް ސިމާއު ވިދާޅުވިއެވެ.
ރަސްދޫގައި މިހާރު 28 ގެސްޓް ހައުސް ހުރިއިރު އެރަށުގައި އަހަރެއްގެ މައްޗަށް އޮކިއުޕެންސީ ހުންނަނީ 50 ޕަސެންޓުގައި ކަމަށް ސިމާއު ފާހަގަކުރެއްވިއެވެ.