ޚަބަރު

މަޖިލީހުގައި ތިބެންވީ މިލިއަނަރުން، އޭރުން މެމްބަރު ވިކިގެނެއް ނުދާނެ : ގާސިމް

އަހުމަދު ޖައިޝަން

1

އެކި ފަރާތްތަކުން މަހުޖަހުންނޭ ނުވަތަ މިލިއަނަރުންނޭ ކީ ނަމަވެސް މަޖިލީހަށް ހޮވަންވީ އެފަދަ ފަރާތްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތި ދާއިރާއަށް ކުރިމަތިލާ ކާނަލް ނާޒިމްގެ ދާއިރާގައި ހިމެނޭ ދިގުރަށުގެ ރައްޔިިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މަޖިލީހަށް މަހުޖަނުން ހޮވައިފި ނަމަ ރިޝްވަތު ނަގައިިގެން ނުވަތަ ވިކިގެން ނުދާނެ ކަމަށެވެ.

"އެހެންނަމަވެސް ތަސައްރަފު ނުފުދޭ އަދި ފުއްދުންތެރިކަމެއް ނެތް މީހާ ކިހިނެއް ތޯ ވާނީ؟ އަމިއްލަ ޒިންމާއެއް ތިމާގެ ނެތް މީހާ ކޮން ކަމެއްތޯ ރައްޔިތުންގެ މަޖިލީހަށް ގޮސް އެހެން ރައްޔިތުންނަށްޓަކައި ކޮށްދޭނީ؟،" ގާސިމް ވިދާޅުވިއެވެ.

އެފަދަ ފަރާތްތައް މަސައްކަތް ކުރާނީ އަމިއްލަ ޖީބު ފުރުމަށް ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ ގައުމަށްޓަކައި ހިދުމަތްކުރަން ހަވާލުކުރަން ޖެހޭނީ ގިނަ ޒިންމާ އޮތް ގިނަ މަސްއޫލިއްޔަތުު އަދާކުރަން ޖެހޭ ގިނަ ކަންތައްތަކެއް ބަލަހަށްޓަން އެނގިފައިވާ މީހާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އޭނާއަށް އެނގޭނީ އުނދަގޫތަކާއި ދަތިތަކާއި ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތަކުގެ މިންވަރު. އެކަން ނޭނގޭ މީހާއަކަށް ނޭނގޭނެ ތަނަކު ކިޔަނީ ކޯއްޗެއް ކަމެއް،" ގާސިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟