ޚަބަރު

ލިބޭ އާމްދަނީ މަދުވީމާ ހަލާލު ނޫންގޮތުގައި ރިޒުގު ހޯދަން ޝައިޠާނާ މަގުދައްކާނެ : ހުތުބާ

އަހުމަދު ޖައިޝަން

1

ލިބޭ އާމްދަނީ މަދުވުމުން ހަލާލު ނޫން ގޮތުގައި ރިޒުގު ހޯދުމަށް ޝައިޠާނާ މަގުދައްކާނެ ކަމަށާއި އެކަމަކީ ނަފްސުވެސް އެއްބަސްވެދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ އެފަދަ ހާލަތެއް މެދުވެރިވާނަމަ ބަލަން ޖެހޭނީ އިސްލާމްދީން ދެއްވާފައިވާ އިޝްރާދަކީ ކޮބައިކަމެވެ. އަދި އެއްވެސް ކަމެއް ކުރުމުގެ ކުރީން ދީނުގައި އެކަމެއް އައިސްފައިވާ ގޮތް ބެލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ވާޖިބެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެގޮތުން ރިޝްވަތުގެ ފައިސާ ނެގުމުގެ މައްޗަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.

"ރިޝްވަތަކީވެސް ޙަރާމް އެއްޗެކެވެ. ކަމެއް ޙާޞިލުކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ޙާޞިލުކުރުމަށްޓަކައި ހޭދާކުރާ ހޭދައަކީ ރިޝްވަތެކެވެ. ވީމާ، މިފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހައި ލޮބުވެތި އަޚުންނަށް މި މަޤާމުގައި ހުރެ ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. ﷲ އަޅަމެންނަށް ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤު ދެއްވާށިއެވެ! އާމީން!،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ދުނިޔޭގެ ދިރިއުޅުން ބާއްޖަވެރިކުރަން ބޭނުންވާނަމަ އިންސާނާއަށް އޮތީ މާތްﷲ އަންގަވާފައިވާ ގޮތުގައި ދިރިއުޅުން ބިނާކުރުމާއި ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުން ކަމަށެވެ.

"އާމްދަނީ ހޯދުމަކީ ދިރިއުޅުމުގެ ޝަހޫރިއްޔާތު ތަކުގެ ތެރެއިންވާ ކަމަކަށްވާތީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށާއި، ޙަރާމް ގޮތްތަކާ ދުރުހެލިވުމަށް މާތްﷲ ވަނީ އަމުރުކުރައްވާފައެވެ. ބޭނުމަކީ މީސްތަކުންގެ ދިރިއުޅުން ބާއްޖަވެރިވުމެވެ.،" ހުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟