ޚަބަރު

ކުޑަގިރިއަށް ހާއްސަ މޮބައިލް އެޕެއް ތައާރަފުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދާން ހާއްސަކޮށްފައިވާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމަށްވެސް ޑައުންލޯޑް ކުރެވޭ ގޮތަށް މިއަދު ތައާރަފުކުރި މި އެޕަށް ކިޔަނީވެސް "ކުޑަގިރި" އެވެ.

ކުޑަގިރި ބަލަހައްޓަން ހަވާލުކޮށްފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި އެޕްލިކޭޝަނަކީ ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީކޮށް އާންމުންނަށް ހުޅުވާލުމަށް އެ ކުންފުނިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ކުޑަގިރީގެ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ދިނުމަށް ތައާރަފުކުރި އެޕްލިކޭޝަނެއް ކަމަށެވެ.

މި އެޕް މެދުވެރިކޮށްވެސް ބުކިން ހެއްދޭނެއެވެ. އަދި ކުޑަގިރިއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ނޮޓިފިކޭޝަން އޮން ކޮށްލެވޭނެއެވެ.

މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮންނަ ކުޑަގިރި ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓު ދޫކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެރަށަށް ކޮންމެ ދުވަހަކު މާލެއިން ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ. އެގޮތުން މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 06:30 އާއި 06:50 އާއި 07:10 ގައެވެ. އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 5:20 އާއި 5:40 އަދި 6:00 ގައެވެ.