ޝަހީދާ އަބްދުﷲ ސައީދު
ހަކުރުބަލީގެ ގައުމީ ކެމްޕެއިން މާލެ އަތޮޅު ތުލުސްދޫގައި އިފުތިތާހުކޮށްދެއްވައިފިއެވެ.
ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް ގުޅިގެން ފެށި މި ޕްރޮގްރާމް އިއްޔެ އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ހެލްތު މިނިސްޓްރީން ބުނީ މިޕުރޮގުރާމުއަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެއް ކަމަށެވެ. މި ޕްރޮގްރާމަކީ އައިޖީއެމްއެޗްއާ ގުޅިގެން ހަކުރުބަލިން އާއްމުން ރައްކާތެރިކުރުމަށާއި ހަކުރުބަލީގެ ފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ތަރައްގީކޮށް ފުޅާކުރުމަށް އެކުލަވާލެވިފައިވާ ޕުރޮގުރާމެއް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
2015 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ އާއި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 100 މީހުންގެ ތެރެއިން 8 މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ.
އަދި ކޮންމެ 10 މީހުންގެ ތެރެއިން 8 މީހުންނަކީ ބަރުދަން ހުންނަންޖެހޭ މިނަށްވުރެ ބަރުދަން މަތީގައި ތިބި މީހުންނެވެ. އަދި ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު 82% މީހުން ވާކަމަށް އެދިރާސާއިން ވަނީ ހާމަވެފައެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން އިސްކަންދޭ އެއްކަމަކީ ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމެވެ.
މީގެއިތުރުން މިޕްރޮގްރާމުގެ ތެރެއިން އިސްކަންދެނީ ހަކުރުބަލީގެ ފަރުވާގެ ނިޒާމު ވަރުގަދަކޮށް ފުޅާކުރުމަށް އަން-ސްޓޮޕް ސެންޓަރުތައް ގާއިމުކުރުމާއި، ހަކުރުބަލީގެ މީހުންނަށް ވަކި ހަމަތަކެއްގެ މަތިން ފަރުވާ ދެވޭނެ ގައިޑްލައިންތައް ތައްޔާރުކުރެވި އޭގެ ތަމްރީންތައް މުޅި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިނުން ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެކުގައި ހަރުބަލީގެ މީހުންގެ ދަފްތަރާއި، ރިސާރޗް އާއި ބައްޔާ ބެހޭ އިތުރު ދިރާސާތައް ކުރެވިގެންދާނެއެވެ. އަދި މިބައްޔަށް ފަރުވާ ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި އިތުރު ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ރޭވިފައިވާކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ހިދުމަތް ޒަމާނީ ފެންވަރެއްގައި ދިނުމަށްޓަކައި އޮންލައިން ޑައިބިޓީސް ކްލިނިކެއް ގާއިމުކޮށް މާލޭގައި ތިއްބަވާ ހާއްސަ ޑޮކްޓަރުންގެ ލަފާ، އަތޮޅު ތެރޭގައި ތިބޭ ޑޮކްޓަރުންނަށް ލިބިގެންދިއުމާއެކު، ހަކުރުބައްޔަށް ހާއްސަ ކޭމްޕުތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ ދިގުމުއްދަތަށް ފަރުވާކުރާ ބަލިތަކަކީ، އެމީހާއަކީ މި ބައްޔަށް ވާރުތަވުމުގެ ފުރުސަތު އޮތް މީހެއްކަމުގައި ވިޔަސް، މިބަލިން ރައްކާތެރިވުމުގެ ފުރުސަތު އޮތް މީހެކެވެ. ނުވަތަ ބަލި ނުޖެހި ގިނަ ދުވަހު ދެމިހުރުމަށް މަސައްކަތް ކުރެވިދާނެ މީހެކެވެ.
ހަށިގަނޑުގައި ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންވާ އިންސިއުލިން އޭ ކިޔާ މާއްދާ، އެންމެ ފުރަތަމަ ނަގައިގެން ފަރުވާ ހޯދުމުގެ މަސައްކަތް ފެއްޓީ 1921 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ އެއް ގަރުނު ފަހުން ވެސް، ހަކުރުބަލި މަދުކުރުމަށް އެންމެ ބޭނުންތެރި އެއްކަމަކީ އެބަލިން ރައްކާތެރިވުމެވެ.