ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް ފަސް ޕަސަންޓަށް ކުޑަކޮށްފިއެވެ.
މިހާރު ކިޔަވާ ލޯންގެ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ.
ބީއެމްއެލްއިން މިއަދު ބުނީ، މިއަދުން ފެށިގެން އެ ލޯނުގެ އިންޓްރެސްޓް ފަސް ޕަސަންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. މިހާރު ނަގާފައިވާ ކިޔާވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރަށް އަލަށް އެދި ހުށަހަޅާ ފެސިލިޓީސްއަށްވެސް ފަސް ޕަސަންޓުގެ އިންޓްރެސްޓް ރޭޓް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ސްޓޫޑެންޓް ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް ދަށްކުރުމުން އެ ލޯނުތައް ދައްކަންޖެހޭ މުއްދަތު އޮޓޮމެޓިކުންވަނީ ކުޑަވެފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންވީ ގޮތް ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ، ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓަށް ގެނައި ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
ބީއެމްއެލްގެ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 75 ޕަސަންޓްއާ ހަމަޔަށް ފައިނޭންސިން ލިބޭނެއެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.