އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ

ގަވައިދާ ޚިލާފަށް ބިމުން ފެންނަގައި ބޭރުކޮށްފައި ވާތީ އެމްޑަބްލިޔުއެސްސީ އާއި ހައުސިން ޖޫރިމަނާ ކޮށްފި

ގަވައިދާ ޚިލާފަށް ބިމުން ފެން ނަގައި ފެން ބޭރުކޮށްފައި ވާތީ އެމްޑަބްލިޔުއެސްސީ އާއި ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ 50000 ރުފިޔާ އިން ޖޫރިމަނާ ކުރި އިރު އެމްޑަބްލިޔުއެސްސީ ޖޫރިމަނާ ކޮށްފައި ވަނީ 55000 ރުފިޔާއިންނެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމްޑަބްލިޔުއެސްސީން މާލޭގެ ހަވީރީ ހިނގުން ސަރަހައްދުގައި ބިމުން ފެން ނަގައި ފެން ބޭރުކުރިކަން އެ އެޖެންސީން މޮނީޓާ ކުރުމުން ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތީން އެމްޑަބްލިޔުއެސްސީން އީޕީއޭގެ ހުއްދަ އަށް ވެސް އެދިފައި ނުވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އީޕީއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން ގަވައިދާ ޚިލާފަށް ބިމުން ފެން ނަގައި ފެން ބޭރުކޮށްފައި ވަނީ އެ މިނިސްޓްރީގެ އިމާރާތް ހުންނަ ކޮމްޕައުންޑުގެ ހުޅަނގުން ކަންމަތީގައި އަމީނީ މަގަށް ވާ ގޮތަށް އޮތް ސަރަހައްދުންނެވެ.

މި ފައިސާ 30 ދުވަސް ތެރޭގައި އީޕީއޭ އަށް ދެއްކުމަށް އެމްޑަބްލިޔުއެސްސީ އާއި ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.