ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރުއޫގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ "ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު، ސާއޯ ސިއޯ މިންއެވެ.
ޖުމުލަ 18.24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން އެއް އަހަރު ތެރޭގައި މަސައްކަތް އެއްކޮށް ނިންމަންޖެހެއެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނާ ގޮތުން މި މަޝްރޫއުގެ ސަބަބުން ރާއްޖެ އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ރާއްޖޭން ލިބެން ހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުވެ، ރާއްޖޭން އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ލަނޑުދަނޑި ހާސިލުކުރުމަށް ފަސޭހަވެގެންދާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމަކީ ސަރުކާރުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރުވެސް މުޅި ރާއްޖޭގައި 53 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތައް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރެއިން 36.5 މެގަވޮޓަކީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 26 ރަށެއްގައި 6.35 މެގަވޮޓުގެ ސޯލާ ޕީވީ، 7.66 މެގަވޮޓް އަވާގެ ބެޓަރި އެނާޖީ ސްޓޯރޭޖު ސިސްޓަމް އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރާނެ ކަމަށެވެ.
އަދި ސިސްޓަމުތަކުގެ ސަބަބުން އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށާއި އަންދާޒާކުރެވޭ ގޮތުގައި އަހަރަކު 47 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށްވެސް ބުންޏެވެ.