ކެންސަރު ބަލިން ރައްކާތެރިވުމަަށް ރާއްޖޭގައި އާ ވެކްސީނެއް މިއަދު ދޭން ފަށައިފި އެވެ.
މިއަދުން ފެށިގެން ދިނުމަށް ހަމަޖެހިފައިވަނީ އެޗްޕީވީ ވެކްސީނެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ވެކްސީން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 10 އަހަރާއި 14 އަހަރުގެ ކުދީންނަށް ކަމަށެވެ.
ވެކްސީން ދިނުމުގެ ކެމްޕެއިނެއް މިއަދު ފަށާފައިވާއިރު މިއަހަރުގެ ޖޫން 21ގެ ނިޔަލަށް އެ ކޭމްޕް ކުރިއަށްދާނެއެވެ. އަދި އެ ކެމްޕެއިން ނިމުމުން ގައުމީ ޝެޑިއުލްގައި ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެ ވެކްސިން ދޭން ފެށުމަށް ތާޖުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކެންސަރު މަދުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެޗްޕީވީ ވެކްސިން ތައާރަފުކުރުމަކީ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ވެކްސިންގެ ސަބަބުން ރާއްޖޭގެ ބޮޑު ބައެއް ކެންސަރުގެ ބަލީން ސަލާމަތްވެފައިވާ ބަޔަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.