ލިބިފައިވާ ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި، ޒިޔާދާގެ ފިރިމިހާގެ މައްޗަށް ދައުލަތުން 4 ދައުވާ ކުރިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
މި ދައުވާތަކުގެ ޝަރީއަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.
ނަމަވެސް ބަދު އަހުލާޤީ މައްސަލަތަކުގެ ޝަރީއަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން އެ ހުރިހާ ޝަރިއަތެއް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.
އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު ގޯސްވެގެން ޒިޔާދާ ނިޔާވީ 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.