ޚަބަރު

ޝައްފާން އާއި އާގިލްގެ މަރަކީ ބަދަލުހިފުމެއް: ފުލުހުން

އަހުމަދު ޖައިޝަން

1

ވަޅިން ހަމަލާދީ މިދިޔަ އަހަރު މަރާލި އިސްމާއީލް ޝައްފާން ޝަރީފާއި އިބްރާހީމް އާގިލްގެ މަރަކީ ބަދަލުހިފުމުގެ މަރެއް ކަމަށް ފުލުހުން ބުނެފިއެވެ.

ވަޅިން ހަމަލާދީ މިދިޔަ އަހަރު މަރާލި ޝައްފާން އަކީ 14 އަހަރުގެ ކުއްޖެކެވެ. އަދި އާގިލް އަކީ 18 އަހަރުގެ ޒުވާނެކެވެ.

އިސްކަންދަރުކޮށީގައި މިއަދު ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޝައްފާން އާއި އާގިލްގެ މަރަކީ އެދުވަސްކޮޅު މާލޭގައި ކުރިއަށް ދިޔަ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ހިނގައިދިޔަ ކަމެއް ކަމަށެވެ.

ސާމިހު ވިދާޅުވީ ޝައްފާންގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. އަދި އާގިލުގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ށ. ފެށޫ، ހީނާމާގެ، ޝައްފާން މަރާލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައި އޭނާގެ ގެ ކައިރިންނެވެ. އަދި އާގިލް މަރާލާފައިވަނީ ސެޕްޓެމްބަރު މަހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިންނެވެ.

އާގިލް އާއި ޝައްފާންވެސް މަރާލާފައިވަނީ ކަރަށް ވަޅި ހަރާލައިގެންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟