ތައިލެންޑުގެ މަޝްހޫރު ރެސްޓޯރަންޓް ފްރެންޗައިޒް ކަމަށްވާ "ކްވެއިންޓް"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި އެވެ.
ރޭގައި އެ ރެސްޓޯރަންޓް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ކްވެއިންޓް މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު ވިދާޅުވީ ތައިލެންޑުގެ ކްވެއިންޓަކީ ވަރަށް ކާމިޔާބު އަދި ކެއުމުގެ ފެންވަރު ރަނގަޅު ތަނެއް ކަމަށެވެ.
ދިވެހިންނަކީ ތައި ފުޑް އަށް ވަރަށް ލޯބިކުރާ ބައެއް ކަމަށްވާއިރު އެފަދަ ފްރެންޗައިޒް ރެސްޓޯރަންޓެއް މާލޭގައި ހުޅުވިގެން ދިޔުމަކީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެއް ކަމަށް މަލީހު ވިދާޅުވިއެވެ.
ކްވެއިންޓް މޯލްޑިވްސް ހުންނާނީ މާފަންނު ބީޖީ ގަރާޖާ ޖެހިގެންނެވެ.
ކްވެއިންޓްގެ ތަފާތު އައުޓްލެޓް، ތައިލެންޑުގައި ހުޅުވާފައިވާއިރު އެކި ތަންތަނަކީ ތަފާތު ތީމްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތަންތަނެވެ.