ޚަބަރު

ފޭރުން ގިނަވަމުންދާތީ ބޭންކަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފި

އިބްރާހިމް ޒަކީ

2

ފޭރުމުގެ މައްސަލަ ގިނަވަމުންދާއިރު، ކުންފުނިތަކާއި އާއްމު ރައްޔިތުން ބޭންކަށް ބޮޑެތި އަދަދުގެ ފައިސާ ގެންދަވާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް މޯލްޑީވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުން ތަހުގީގު ކުރަމުންދާ އެކިއެކި މައްސަލަތަކާބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، ކުންފުނިތަކާއި އާއްމު ރައްޔިތުންވެސް ބޭންކަށް ބޮޑެތި އަދަދުގެ ފައިސާ ގެންދަވަށް ބޭނުންފުޅުވާނަމަ މާލޭގައިނަމަ، ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ހިދުމަތް މާލޭގައި ހޯއްދަވަން ބޭނުންފުލުވާނަމަ 9980068 ގުޅުއްވައިގެން ފުލުހުންގެ ހިދުމަތް ބޭނުން ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބާރުއަޅާކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހަކަށް އައިސް ކުންފުނިތަކުން ބޭންކަށް ފައިސާ ޖަމާކުރަން ގެންދާ ގަޑީގައި ބޮޑެތި ފޭރުމުގެ މައްސަލަތައް ހިގަމުންއެބަދޭ. ކުންފުނިތަކާއި އާއްމު ރައްޔިތުންވެސް ބޭންކަށް ބޮޑެތި އަދަދުގެ ފައިސާ ގެންދަވަން ބޭނުންފުޅުވާނަމަ މާލޭގައިނަމަ ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކުރަން. މި ހިދުމަތް މާލޭގައި ހޯއްދަވަން ބޭނުންފުލުވާނަމަ 9980068 ގުޅުއްވައިގެން ފުލުހުންގެ ހިދުމަތް ބޭނުން ކުރެއްވޭނެ،" އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.

އިޒްމިއާ ޒާހިރު ވިދާޅުވީ، އަތޮޅުތެރޭގައިވެސް އެކަމަށް ފުލުންގެ އެހީތެރިކަން ހޯދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން އަތޮޅުތެރޭގައި ބޭންކުތަކަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދަވަން ބޭނުންފުޅުވާނަމަ އެރަށެއްގައި ހުރި ޕޮލިސް ސްޓޭޝަނަކުން އެކަން ހަމަޖެހޭނެ ކަމަށްއޭނާ ވިދާޅުވިއެވެ.

"އަތޮޅުތެރޭގައި ވެސް ބޭންކުތަކަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދަވަން ބޭނުންފުޅުވާނަމަ ފުލުހުންގެ ސެކިއުރިޓީގެ ހިދުމަތް އެރަށެއްގައި ހުރި ޕޮލިސް ސްޓޭޝަނަކުން ހަމަޖެހޭނެ ވާހަކަ ދަންނަވަން. ވީމާ އަތޮޅުތެރޭގައި ނަމަ އެރަށެއްގައި ހުރި ޕޮލިސް ސްޓޭޝަނަކުން އެހިދުމަތް ހޯއްދެވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.

ފަހަކަށް އައި އެކި ފަރާތްތަކުން ބޭންކުތަކަށް ގެންދާ ބޮޑެތި އަދަދުތަކުގެ ފައިސާ ފޭރިގަންނަ މައްސަލަ ވަނީ ބޮޑު މައްސަލަައަކަށްވެފައެވެ.

މިގޮތުން ހެލްމެޓު އަޅައިގެން ތިބި ބަޔަކު، ކޯރާޑިން ވެހިކަލަށް ހަމަލާދީ ބިރުދެއްކުމަށް ފަހު، މިފްކޯއިން ފެލިވަރަށް ފޮނުވަން ގެންދިޔަ ދެމިލިއަން ރުފިޔާ އިއްޔެ ވެސް ވަނީ ފޭރިގެންފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟