ޚަބަރު

ރައީސް އުފެއްދެވި ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބުމަށް ދަތިވަނީ ކުރީ ސަރުކާރުގެ ކޮރަޕްޝަނާ ގުޅިގެން: އެމްޑީޕީ

މަރިޔަމް ޝަހުދާ

3

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެކި ކޮމިޝަންތަކަށް ލިއްބައިދޭންޖެހޭ ގާނޫނީ ބާރު ލިއްބައިދިނުމަށް ދަތިތަކާ ކުރިމަތިވަނީ ކުރީ ސަރުކާރުގެ އެކި ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީން ބާއްވަމުންގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ މިދިޔަ ސަރުކާރުގައި ވެރިކަން ކުރެއްވި ޕާޓީގެ އޮފީހެއް ހެދުމަށް ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏަކުން ދެ މިލިއަން ރުފިޔާ ހޭދަކުރިކަމަށް އިއްޔެ އެކި ނޫސްތަކުން ހަބަރު ގެނެސްދީފައިވާ ކަމަށެވެ.

އަދި މިފަދަ ކޮރަޕްޝަންގެ އެތައް އަމަލެއް، ކުރީގެ ސަރުކާރުގައި ހިންގާފައިވާ ކަމަށާއި މިފަދަ ކަންކަމީ އަބަދުވެސް އެމްޑީޕީން އެކަންކަމާ ދެކޮޅަށް ވަކާލާތުކޮށް އަޑު އުފުލާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކޮރަޕްޝަންގެ ކަންތައްތައް ބަލައި ދައުލަތުގެ މާލިއްޔަތުން ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަށް ރައީސް ސޯލިހު އެކުލަވާލައްވާފައިވާ ކޮމިޝަނާއި، ގެއްލުވާލާފައިވާ އަދި މަރާލާފައިވާ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އުފައްދަވާފައިވާ ކޮމިޝަންތަކަށް ގާނޫނީ ބާރު ނުލިބޭ ވާހަކަ އެންމެން ދައްކާ ކަމަށް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވިގޮތުގައި މިހާރުއޮތް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ބައިވެރިވުމަށް ކުރީ ސަރުކާރުގެ އެކި ކޮރަޕްޝަންތަކުގައި ބައިވެރިވެފައިވާ މީހުން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. އަދި މިކަން މިހެން ހިނގާހާ ހިނދު ރައީސް އެކުލަވާލާފައިވާ އެކި ކޮމިޝަންތަކައް ބޭނުންވާ ބާރުތައް ހޯދައިދިނުމަށް ދަތި ވާނެކަމަށް އަފްޝަން ވިދާޅުވިއެވެ. މީގެ އިތުރުން އަފްޝަން ވަނީ އެޖެންޑާ 19 އާއެކު މި ކޮމިޝަންތަކަށް ބާރުދީ ދައުލަތުގެ ރައުސޫލްމާލު ހެޔޮގޮތުގައި ބޭނުންކޮށް، ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދައި، ގެއްލުވާލާފައިވާ އަދި މަރާލާފައިވާ ފަރާތްތަކައް އިންސާފު ހޯދާނެކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ''ވެށިފަހި މާލެ'' ޕްރޮގްރާމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ކާނިވާ ސަރަހައްދުގައި ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނަޝީދު ދެއްކެވި އެކި ވާހަކަތައްވެސް އަފްޝަން ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ފްލެޓެއް ނުވަތަ ގޯއްޗެއް ދިނުމަށް ލިޔުމެއް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާނެ ކަމަށާއި އެކަހަލަ އެއްވެސް ކަމެއް އެ ބައްދަލުވުމުގައި ހިނގާފައި ނުވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަދި އެ ބައްދަލުވުމުގައި މާލޭގައި ގެދޮރުގެ ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ޔަގީންކޮށްދެއްވާނެ ކަމަށް ނަޝީދު ވިދާޅުވެ ކުރިން ވެށިފަހި ޕްރޮގްރާމަށް ކުރިމަތިލާ ފްލެޓް ނުލިބުނު ބޭފުޅުންނަށް ބޯހިޔާވަހިކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް މުހިއްމު ރައްޔިތުންނަށް ފައިދާވާނެ އެތައް ކަމެއް މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ފަށައި، ކޮށްފައިވާނެ ކަމަށާއި ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ކަމާއި އެކަން ކުރާނެކަމަށް ނަޝީދު ވިދާޅުވިކަމަށް އަފްޝަން ހާމަކުރެއްވިއެވެ.

އަފްޝަން ވަނީ ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެޖެންޑާ 19 އިން ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކަމަށެވެ. އަދި ރޭގެ ބައްދަލުވުމަކީ އެމްޑީޕީން ގެންގުޅޭ ގެދޮރުވެރިކަމުގެ އަދި ބޯހިޔާވެހިކަމުގެ ސިޔާސަތުތަކާއި ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ޔަގީން ކޮށްދެވޭނެ އަދި ކަށަވަރުކޮށްދެވޭނެ ގޮތްތައް ހާމަކޮށްދިނުމަށް ކުރިއަށް ގެންދިޔަ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟