ހިޔާ ފުލެޓަކުން އެއްލި ފެންކޮތަޅެއް މާބަނޑު މީހެއްގެ ގައިގައި ޖެހި، އަނިޔާވެއްޖެއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނީ، ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން ހިޔާ ސަރަހައްދުގައި ގާއިމުކުރި ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔަ ވަގުތު، އެ ރަސްމިއްޔާތުގެ ބައިވެރިންނަށް އަމާޒުކޮށް ހިޔާގެ 16 ވަނަ ޓަވަރުގެ އެޕާޓްމެންޓަކުން ތިރިޔަށް އެއްލި ފެން ކޮތަޅުތަކުގެ ތެރެއިން ކޮތަޅެއް، އެ ކުންފުނީގެ މާބަނޑު މުވައްޒަފެއްގެ ގައިގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ.
ހިޔާގެ 16 ވަނަ ޓަވަރުގެ އެޕާޓްމެންޓަކުން ތިރިއަށް ފެން ކޮތަޅުތައް އެއްލާފައިވަނީ އެ ތަނުގައި ތިބި މީހުން މައްޗަށް ބަލަހައްޓައިގެން ތިއްބައެވެ. އޭގެ ވީޑިއޯއެއް އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ.
އެޗްޑީސީން ބުނީ، މަދު ބަޔަކު ސިޔާސީ ބޭނުމަށް ހިންގާ މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. އަދި ފެންކޮތަޅުތައް ތިރިޔަށް އެއްލި މައްސަލަ ބަލާނެ ކަމަށާއި އަދި އެކަމުގެ ޒިންމާވާ ފަރާތަކަށް ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަކުރުމަށް އެޗްޑީސީން ދަނީ އަބަދުވެސް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މިއަދު ހުޅުވި ޖެނެރަލް ޕްރެކްޓިސް ކުލިނިކާއެކު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.