ޚަބަރު

ރައުޝާންގެ މަރުގެ މައްސަލައިގައި ދައުވާކުރި ތިންމީހަކު ދައުވާއަށް އިއުތިރާފްވެއްޖެ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ހިނިގި ހިތާމަވެރި ހާދިސާއެއްގައި ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާމަންޒިލްގައި އިމާރާތްކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާގެ ދަށުވެ މަރުވި ރައުޝާން ޖިއާންގެ މަރުގެ މައްސަލާގުޅިގެން ދައުވާ ކުރި ތިން މީހަކު ދައުވާއަށް އިއުތިރާފުވެއްޖެއެވެ.

މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، މަރުވި އުމުރުން ނުވަ އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ތިން މީހަކު ދައުވާ އަށް އިއުތިރާފުވެއްޖެއެވެ.

ރައުޝާންގެ މަރުގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ޕީޖީން ދައުވާ އުފުލާފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ހަތަރު ބިދޭސީންނާއި ދެ ދިވެހިންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތީ މި މައްސަލައިގެ އިބްތިދާއިބަހުސެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ދައުވާ އުފުލާފައިވާ 6 މީހުންނަށްވެސް ވަނީ ދައުވާ އިއްވައިފައެވެ.

ނަމަވެސް އޭގެ ތެރެއިން ތިން ބިދޭސީން ދައުވާއަށް އިއުތިރާފް ވެފައިވާއިރު ދެން ތިބި ތިންމީހުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.

މައްސަލައިގައި ދައުވާއަށް އިއުތިރާފްވި އިންޑިޔާގެ އެތިންމީހުން ބުނެފައިވަނީ ރައުޝާން މަރާލުމުގެ އެއްވެސް ގަސްތެއް އެމީހުންގެ ނެތްކަމަށެވެ.

ދައުވާައަށް އިއުތިރާފްވި މީހުގެ ތެރޭގައި ހިމެނޭ، އެކަކީ ވިންޗް އޮޕަރޭޓްކުރަން ހުރި ރައްޖާވް އަލީއެވެ. އޭނާބުނީ އެއީ ހިނގާފައިވާ ހާދިސާއެއްކަމަށާއި ނަމަވެސް އެއީ ގަސްތުގައި ކުރިކަމެއްނޫން ކަމަށެވެ.

ދައުވާއަށް އިއުތިރާފްވި މުތުމަނި ބުނީ އެ ހާދިސާ ހިނގީ އޭނާ މަސައްކަހުއްޓައި ކަމަށާއި، އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. އޭނާއަކީ ސިމެންތި ބަސްތާތައް މައްޗަށް އަރުވަން އަންގަންހުރި މީހާއެވެ.

ތިންވަނައަށް ދައުވާއަށް އިއުތިރާފްވި، ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ކެޝަރިލަލް ޗައުހަން ބުނެފައިވަނީ ސިމެންތި ބަސްތާތައް މައްޗަށް އެރުވިއިރު ކުޑަ ކުއްޖަކު އެތަނުން އައި ކަންއޭނާއަށް ނޭނގޭ ކަމަށެވެ. ބަސްތާތައް އެރުވިއިރު މީހަކު އެހެން ނުދާ ކަމަށް ވެސް ބުންޏެވެ. އަދި އެ ސަރަހައްދުން ނުހިނގުމަށް މީހުން ކައިރީގައި ބައެއް ފަހަރު ބުނެފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް ގިނަ މީހުން އަޅައިނުލާކަން އޭނާ ބުންޏެވެ.

މި މައްސަލައިގައި ދައުވާއަށް އިންކާރު ކޮށްފައިވާ މީހުންގެ ތެރެއިން، ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމަށް އުޅުން ދެވަނަ މީހާ ކަމުގައިވާ، ގުލަމް މަހަމަދު ދައުވާއަށް އިންކާރުކުރަމުން ބުނެފައިވަނީ އެއީ އޭނާއާ ހެދި ހިނގި ހާދިސާއެއް ނޫން ކަމަށެވެ.

ދެން ދައުވާއަށް އިންކާރު ކޮށްގައިވަނީ މި މައްސަަލައިގައި ދައުވާ އުފުލާފައިވާ ދެ ދިވެހިން ކަމަށްވާ، މާލެ ދަފްތަރު 8424 މޫސާ ހަސަނާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގެވެ.

މީގެ ތެރެއިން މޫސާ ހަސަން އަކީ ޑަބްލިޔު ކޮންސްޓަރކްޝަން ކޮމްޕެނީގެ ސީނިއަރ ސައިޓް ސްޕަވައިޒަރެވެ. އާދަމް ޝަފީޤަކީ އެ ކޮމްޕެނީ މެނޭޖިން ޑިރެކްޓަރެވެ. މި ދެ މީހުންގެ މައްޗަށް ކުރަނީ މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ.

މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް އިންކާރު ކުރި ތިންމީހުންނާ ދެކޮޅަށް ދައުލަތުން ވަނީ ހެކި ހުށަހަޅައިފައެވެ.

އޭގެ ތެރެއިން މޫސަ އާއި ޝަފީގާ ދެކޮޅަށް 31 ހެކި ހުށަހެޅި އެވެ. އޭގެ ތެރޭގައި 18 ޝަފަވީ ހެކި ވެސް ހިމެނެއެވެ.

ރައުޝާން ޖިއާންގެ މަންމަ އާއި ބައްޕަ އަދި އެ ސަރަހައްދުގައި މަސައްކަތް ކުރަން އުޅުނު މީހުންނާއި ހާދިސާއާ ގުޅޭ އެކި ރިޕޯޓްތައް އެކުލަވާލި މީހުން އޭގެ ތެރޭގައި ހިމެނެއެވެ. ގުލަމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅީ ނުވަ ޝަފަވީ ހެއްކާއި 15 ކިތާބީހެއްކެވެ.

މި މައްސަލައިގައި ތިންމީހަކު އިއުތިރާފްވެފައިވާތީ އެތިންމީހުންގެ މައްޗަށް ދެން ހިންގާނީ އަވަސްނިޔާގެ ޝަރިއަތެވެ. އެހެންކަމުން 5 ދުވަހުގެ ތެރޭގައި އެމީހުންނަށް ހުކުމް އިއްވާނެއެވެ.