ޚަބަރު

ލޯނު އެހީއާއެކު ރާއްޖެއިން ބޭރުން ޕީއެޗްޑީ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޭ ލޯންއެހީގެ ދަށުން މިފަހަރު ރާއްޖެއިން ބޭރުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފަރާތުން މިއަދު ސްޓޫޑެންޓް ލޯން އިފްތިތާހު ކުރުމަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވީ އެ ކުއްޖަކު މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކުރުމަށް މި ސްކީމްގެ ދަށުން ލޯން ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް ލޯން ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ކިޔެވުމަށް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ކިޔެވެން ނެތް ދާއިރާ ތަކުން ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖެއަށް ވަރަށް ބޭނުންތެރި ވަކި ދާއިރާ ތަކަށް ހާއްސަ ފުރުސަތުތަކެއް ރިޒާވް ކުރެވިފާ ވާކަން މިނިސްޓަރ އިއުލާނު ކުރެއްވި އެވެ. އެގޮތުން މިނިސްޓަރ ވަނީ ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕެޝަލް އެޑިއުކޭޝަން، ސްޕީޗް ތެރަޕީ، ސްޕޯޓްސް މެނޭޖްމަންޓް، ރެނިއުބަލް ގްރީން އެނާޖީ އަދި ކަލްޗާ އެންޑް ހެރިޓޭޖް ގެ ދާއިރާ ފާހަގަ ކުރައްވާފައެވެ. މިދާއިރާ ތަކުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލޯން ސްކީމް ގެ ދަށުން ވަކި ސްލޮޓް ތަކެއް ކަށަވަރު ކޮށްދިނުމަށް ބޭނުންވާ ކަމަށް މިނިސްޓަރ ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށްޓަކައި ވެސް ލޯން ސްކީމްގެ ދަށުން ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާރުވެސް ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ކޯހުގެ %50 ފުރިހަމަވެފައި ނެތް ނަމަވެސް ލޯން ލިބޭނެކަމަށް މިނިސްޓަރ ހަސަން ވިދާޅުވިއެވެ. މިއާއެކު އަލަށް ކިޔަވަން ފަށާފައިވާ ދަރިވަރަކަށްވެސް މި ލޯންސްކީމަށް އެދުމުގެ ފުރުސަތު ވަނީ މަގުފަހިވެފައެވެ.

މީގެ އިތުރުން ލޯން އަނބުރާ ދައްކަން ފަށަންޖެހޭނީ، ކިޔަވައި ނިމިގެން ރާއްޖެ އަންނަތާ 6 މަސް ދުވަހުގެފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަހަރުގެ ލޯން ސްކީމަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.