ޚަބަރު

އެޗްޕީވީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ރާއްޖޭގައި ފަށައިފި

ރާއްޖޭގައި އެޗްޕީވީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފިއެވެ.

މިކަމަށްޓަކައި ތާޖުއްދީން ސްކޫލްފައި ބޭއްވި ރަސްމިއްޔާތުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ ޝަރަފްވެރި މެހުމާން މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

އުމުރުން 10 އަހަރާއި 14 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް މި ވެކްސިން ދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، އެޗްޕީވީ ވައިރަސް އަކީ އިންސާނުންގެ ތެރެއިން 80 އިންސައްތަ މީހުން އިންފެކްޓު ކުރާ އެއްޗެއް ކަމަށާއި، ދުނިޔޭގައި ކޮންމެ ދެމިނެޓަކުން އަންހެނަކު ސާވިކަލް ކެންސަރުގެ ސަބަބުން މަރުވާއިރު އެޗްޕީވީ ވައިރަސް އަކީ ކެންސަރު ޖެހުމަށް ވެސް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ އެއްޗެއް ކަމަށެވެ.

އަދި މިއަދު ރާއްޖެއަށް ތައާރަފު ކުރެވިގެން މިދިޔަ އެޗްޕީވީ ވެކްސިން އަކީ މިފަދަ ނުރައްކާތެރި ބައްޔަކުން ސަލާމަތް ވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ތިން ކުއްޖަކަށް ވެކްސިން ދިނުމަށްފަހު އެކުދިންނަށް އެކަމާ ގުޅޭ ލިޔުން މިއަދު ވަނީ ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އެޗްޕީވީ ވެކްސިން ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާގެ އިތުރަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.