އިބްރާހިމް ޒަކީ
ވެށިފަހި މާލޭ ޕްރޮގްރާމްގައި ވިސްނާފައި އޮތީ ގިރާވަރު ކަނޑުންފެށިގެން ކުޑަކަޅިއާ ހަމައަށް މަގަކުން ގުޅާލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެށިފަހި މާލޭ ޕްރޮގްރާމަކީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފެށި ސޯޝަލް ހައުސިންގ ޕްރޮގްރާމެކެވެ.
އޭގެ ފަހުން ވޭތުގެދިޔަ، ރައީސް ޔާމީންގެ ސަރުކާރުގައި އެ ޕްރޮގްރާމް ހުއްޓަވާލައްވައި ބޯހިޔާ ވަހިކަމުގެ ދެ ޕްރޮގްރާމެއް ސޯޝަލް ހައުސިން އަށް އަމާޒު ކޮށްގެން ފެއްޓެވިއެވެ. އެއީ ގެދޮރުވެރި ކުރުވުމުގެ ޕްރޮހްރާމާއި ހިޔާ މަޝްރޫއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ކުރިއަށް ގެންދެވި "ވެށިފަހި މާލޭ" ޕްރޮގްރާމާބެހޭ މައުލޫމާތު ދިނުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ބައްްދަލުވުމުގައި، އަލުން އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ގިރާވަރު ކަނޑުންފެށިގެން ކުޑަކަޅިއާ ހަމައަށް މަގަކުން ގުޅާލުމުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ދިރިއުޅުމެއް ހޯދައިދެވޭނެކަމަށް "ވެށިފަހި މާލޭ" ޕްރޮގްރާމްގައި ބުނާ ކަމަށެވެ.
"މިކަން ކުރުމަށްޓަކައި "ވެށިފަހި މާލޭ" ޕްރޮގްރާމް ވިސްނާފައި އޮތީ ގިރާވަރު ކަނޑުއްސުރެން ފެށިގެން އައިސް، ކުޑަކަޅިއާ ހިސާބާހަމައަށް މަގަކުން ގުޅާލުން، ގިރާވަރު ކަނޑަކީ ތިލަފުށީ ފަޅުގެ އެންމެކޮޅު، އެހިސާބުން ފެށިގެން އައިސް ހުޅުމާލޭކޮޅަށް އެއީ ކަލީގެ މިކޮޅު، އެދިމާލަށް ގުޅުވައިލެވުނީމާ އެތަނުގައި އެވާ ފަޅުތަކާއި ރަށްތަކާއެކުގައި މާލޭގެ ސަރަހައްދުގައި މިހާރު މިދިރިއުޅޭ މީހުންނަށް އެކަށީގެންވާ ދިރިއުޅުމެއް ހޯދައި ދެވޭނެކަމަށް "ވެށިފަހި މާލޭ" ޕްރޮގްރާމް މި ބުނަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، "ވެށިފަހި މާލޭ" ޕްރޮގްރާމް އަލުން ހިންގަން ފެށުމަކީ އެޖެންޑާ 19އިގެ އެންމެމުހިއްމު އެއް އަމާޒުކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ "ވެށިފަހި މާލޭ" ޕްރޮގްރާމަށް ފުރުސަތު ހުޅުއްވައިލެއްވުމުން ޖުމްލަ 8765 އާއިލާ އެ ޕްރޮގްރާމްގައި ބައިވެރިވިކަމަށެވެ.
"އޭގެ ތެރެއިން 1774 އާއިލާ އަކީ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ މީހުން، އޭގެ އިތުރުން ހުޅުމާލޭގައި 379 އާއިލާ މެދުހެންވޭރުގަައި 458 އާއިލާ، ހެންވޭރު ދެކުނުގައި 400 އާއިލާ، ހެންވޭރު އުތުގައި 405 އާއިލާ، ގަލޮޅު އުތުރުގައި 644 އާއިލާ، ގަލޮޅު ދެކުނުގައި 739 އާއިލާ، މާފަންނު އުތުގައި 309 އާއިލާ، މައްޗަންގޮޅީ ދެކުނުގައި 516 އާއިލާ، މާފަންނު އުތުރުގައި 496 އާއިލާ، މާފަންނު ހުޅަނގުގައި 368 އާއިލާ، މާފަންނު މެދުގައި 539 އާއިލާ، މާފަންނު ދެކުނުގައި 365 އާއިލާ، ވިލިމާލޭގައި 411 އާއިލާ، ހެނވޭރު ހުޅަނގުގައި 330 އާއިލާ، އަދި މައްޗަންގޮޅީ މެދުގައި 348 އާއިލާ، ހިމެނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، "ވެށިފަހި މާލޭ" ޕްރޮގްރާމް ހުއްޓާލުމަށް ފަހު ގެދޮރުވެރި ކުރުވުމާއި، ހިޔާ މަޝްރޫއުގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން ހިންގި ޕްރޮގްރާމްގައި ފްލެޓް ދީފައިވަނީ އެއްވެސް އުސޫލަކުން އަދި އެއްވެސް ހަމައަކުުން ނޫންކަމަށެވެ.