ދިވެހިން ތައިލްންޑަށް ދިއުމުން އޮން އެރައިވަލް ވިސާ ލިބޭގޮތް ހަމަޖެއްސުމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދު ތައިލެންޑްގެ ވަފުދަކާއި މަޝްވަރާ ކުރައްވަވައިފި އެވެ.
އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި މިހާރު ކުރިއަށްދާ އދ.ގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގައި ބައިވެރިވި ތައިލެންޑްގެ ވަފުދުގެ އިސް އޮފިޝަލާއެކު މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ދެ ގައުމުުގެ ދެމެދު ވިސާ ވެއިވާ (އޮން އެރައިވަލް ވިސާ) ގެ ކަންކަން ނިންމުނާއި ގުޅެ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދެގައުމު ދެމެދު ވިސާ ވެއިވާ ހަމަޖެހުމުން ރާއްޖެއިން ތައިލެންޑަށް ވިޔަފާރީގެ އިތުރުން، ބޭސް ފަރުވާ އަދި ޗުއްޓީއަށް ދާ ދިވެހިންނަށް ދުރާލާ ވިސާ ނަގާކަށް ނުޖެހޭނެއެވެ. އަދި ކޮންމެ ދަތުރަކު 30 ދުވަސް އަދި 6 މަސް ތެރޭ 90 ދުވަހަށް ވުރެ ގިނަ ނޫން ދުވަހަށް ނަމަ ތައިލެންޑް އިން އޮން އެރައިިވަލް ވިސާ ލިބޭނެއެވެ.
މިނިސްޓަރ ވަނީ ތައިލެންޑަކީ ރާއްޖޭގެ ގިނަ ވިޔަފާރިތަކަކަށް އެންމެ މުހިއްމު ގައުމު ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ތައިލެންޑް ކުންފުނިތަކުގެ އިންވެސްޓްމަންޓް ތައް ވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.