މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ވިމެން ސެންޓަރ އިން ފަށާފައިވާ ކެމްޕެއިން "މަވެސް" ކެމްޕޭނުގެ ފުރަތަމަ ޕްރޮގްރާމް "ޔޫތު އޮން ދަ މޫވް" 20 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ.
މިމަހުގައި ފާހަގަކުރި ނަޕްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މައުލޫއާ ގުޅުވައިގެން "ޔޫތު އޮން ދަ މޫވް" ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބޮޑަށް އަލިއަޅުވާލެވޭނީ ޓެކްނޮލޮޖީގެ ރޮނގުން އަންނަ އަވަސް ބަދަލުތަކާ ގުޅިގެން ޒުވާނުންގެ ދިރިއުޅުމަށް އަންނަ ގޮންޖެހުންތަކާއި ގިރާކުރަންޖެހޭ މައްސަލަތަކާ ބެހޭގޮތުންނެވެ. އަދި ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރު އަންނަ ބަދަލުތަކާ ބެހޭގޮތުންވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލެވޭނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެއްފުރާޅެއްގެ ދަށުގައި އެކުވެރި މާހައުލެއްގައި ޒުވާނުންނަށް ދިމާވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ހުރި މައްސަލަތައް ހައްލުކުރުމުގައި އެހީތެރި ވުމެވެ. އަދި މައުލޫއާ ގުޅޭ ޝައުގުކުރުވަނިވި ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.
އަންނަ ހޮނިހިރު ދުވަހު މެންދުރުފަހު 2:00 އިން 5:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ޑިސްކަޝަން ޝެޝަނެއް ވެސް ކުރިއަށް ދާނެއެވެ. މި ޕެނަލްގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވާނެއެވެ.
ވިމެން ސެންޓަރ އިން ކޮންމެ މަހަކަށްވެސް ތަފާތު މައުލޫއަކާ ގުޅުވައިގެން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ މަހެއްގައި ވެސް އެމަހެއްގައި ފާހަގަކުރާ ހާއްސަ ދުވަހަކާ ގުޅުވައިގެން ޕްރޮގްރާމް ހިންގުމަށް ވަނީ ރާވައިފައެވެ.
ވިމެން ސެންޓަރއިން ދަނީ އަންހެނުންނާއި ޒުވާނުންނާ ގުޅޭ ތަފާތު އެކި ހަރަކާތްތަކުގެ އިތުރުން ރައްކާތެރި ޗައިލްޑް ކެއަރގެ ހިދުމަތާއި ޔޯގާ ކުލާސްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގަމުންނެވެ. ވިމެން ސެންޓަރ އިން ދަނީ ކައުންސެލިންގެ ހިދުމަތް ވެސް ފޯރުކޮށްދެމުންނެވެ.