ޚަބަރު

އިޤްތިސާދުފުޅާކޮށް ވާދަވެރި ވިޔަފާރީގެ ތެރެއަށް ވަނުމަށް ހުރިހާ ފުރުސަތެއްގެބޭނުން ހިފާނަން: ޝާހިދު

އިބްރާހިމް ޒަކީ

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިސާދުތަކުގެ ބޮޑު މިނަށާއި، އިކޮނޮމިކް ވެލިއުގެ ސަބަބުން ސައުތު-ސައުތު ކޯޕަރޭޝަންގެ އޮނިގަނޑުގެ ތެރެއިން ދިވެހި ރާއްޖޭގެ އިޤްތިސާދު ފުޅާކުރުމަށާއި، ބައިނަލްއަގްވާމީ ވާދަވެރި ވިޔަފާރީގެ ތެރެއަށް އިތުރަށް ވަނުމަށް ރާއްޖެއަށް ބޭނުންކުރެވެން ހުރި ހުރިހާ ފުރުސަތެއްގެ ބޭނުން ހިފާނެކަމަށް މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި މިހާރު ކުރިއަށްދާ އދ.ގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.

ޝާހިދުގެ ތަގުރީރުގައި ވަނީ އެފުރުސަތުގެ ބޭނުން ރާއްޖެއިން ހިފާނެ ކަމުގެ ޔަގީންކަންވެސް ދެއްވައިފައެވެ.

އެ ތަގުރީރުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް ދިވެހި ރާއްޖެ ބަދަލުވުމުން ރާއްޖެއިން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރު ފުރުސަތުތަކެއް ހޯދަން ޖެހިފައިވާކަމަށެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، 1978 ވަނަ އަހަރު ބޭއްވުނު ސައުތު-ސައުތު ކޯޕަރޭޝަންގެ ފުރަތަމަ ހައި-ލެވެލް ބައްދަލުވުމަށްފަހު ތަރައްޤީވަމުން އަންނަ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ތަރައްޤީވަމުން އަންނަ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަކީ ކުރިއަރަމުން އަންނަ ދުނިޔޭގެ އިޤްތިޞާދުގެ އިންޖީނުކަމަށާއި، އެގުޅުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ހިއްސާ އިތުރުވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ޕްލިނަރީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ތަރައްޤީވަމުން އަންނަ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއިއެކު އެއްކޮށް މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި، ރާއްޖެއަށް ފައިދާކުރަނިވި އިޤްތިސާދީ ފުރުސަތުތައް ހޯދުމަށްޓަކައި އިތުރު ގުޅުންތައް ޤާއިމްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އާޖެންޓީނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކޮންފަރެންސްގެ ހަވާސާގައި އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އަދި ޑެލިގޭޝަންތަކުގެ އިސް ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި އެކި ދާއިރާތަކުން، ޚާއްސަކޮށް އިޤްތިސާދީ ދާއިރާގައި އެޤައުމުތަކުންވެސް ޝައުޤުވެރިވާ ކަންކަމުގައި މަޝްވަރާކުރައްވާނެއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އާއި، ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އދ.ގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ބައްދަލުވުން ކުރިއަށްދަނީ މި މަހުގެ 20 އިން 22 އަށް އާޖެންޓީނާގެ ބޮއެނަސްއައިރިސްގައެވެ.

މި ކޮންފަރެންސް މި ބާއްވަނީ 1978 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 އިން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 އަށް ބޮއެނަސްއައިރސްގައި ކުރިއަށްދިޔަ އދ.ގެ ކޮންފަރެންސް އޮން ޓެކްނިކަލް ކޯޕަރޭޝަން އެމަންގް ޑިޥެލޮޕިންގ ކަންޓްރީސް ބޭއްވުނުތާ 40 އަހަރު ފުރުމާއި ދިމާކޮށެވެ.

އެބައްދަލުވުމުގައި ބޮއެނަސްއައިރިސް ޕްލޭން އޮފް އެކްޝަން ފޮރ ޕްރޮމޯޓިންގ އެންޑް އިމްޕްލިމެންޓިންގ ޓެކްނިކަލް ކޯޕަރޭޝަން އެމަންގް ޑިވެލޮޕިންގ ކަންޓްރީސް ޤައުމުތަކުން ވަނީ ބަލައިގަނެފައެވެ.

ސައުތު-ސައުތު ކޯޕަރޭޝަނަކީ ކުރިއަރަމުން އަންނަ ޤައުމުތަކުގެ މެދުގައި ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، ސަޤާފީ، ފަންނީ އަދި ތިމާވެށީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ.