މާލޭގެ މަގުތަކަށް ކުނި އެޅި ފަސް މީހަކު ޖޫރިމަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު މަރިޔަމް ޝިއުނާ "ވަން" އަށް މިއަދު ވިދާޅުވީ މަގުތަކަށް ކުނި އެޅި މައްސަލައިގައި މިހާތަނަށް 20 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އަދި ފަސް މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން މިމަހުގެ 17 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މަގުތަކަށް ކުނި އަޅާ މީހުންނަށް ފުރަތަމަ ފަހަރު ނަސޭހަތް ދެވިގެންދާނެ ކަމަށެވެ. އަދި އެކަން ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، 200 ރުފިޔާ އަދި ތިން ވަނަ ފަހަރަށް ކުނި އަޅައިފިނަމަ، 400 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ނިންމާފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"ގެ ދަށުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި "އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" އަށް ރިއާޔަތްކޮށް މާލެ ސިޓީއަކީ އަމާންކަމާއި ރައްކާތެރިކަން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މަގުތަކަށް ކުނިއަޅާ މީހުން ޖޫރިމަނާކުރުމުގެ ބާރު "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުސޫލުގެ ދަށުން ވެސް ލިބިދޭ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް" އުސޫލު އާންމުކޮށް އަންގާ އިއުލާންކޮށްފައިވާނެ ކަމަށެވެ. އެ އުސޫލު އާންމުކުރިތާ ފަސް މަސްވެގެން ގޮސްފައިވާ އިރު، ސިޓީ ކައުންސިލުން، އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ނައުމުން، މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައެވެ.
ސިޓި ކައުންސިލުން ވަނީ މާލޭގެ އެކި ސަރަހއްދުގައި ކުނި އެޅުން މަނާ ބޯޑުވެސް ހަރުކޮށްފައެވެ. އެކަމަކު އެ ބޯޑު ކައިރީ މަގުތަކަށްވެސް މީހުން ކުނި އަޅާފައި ހުރެއެވެ.