ހދ.އަތޮޅު ސްޓޭޓް ހައުސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ރޭ ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްތަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ހދ.އަތޮޅުގެ ވެރިރަށް ކަމަށްވާ ކުޅުދުއްފުށީގައި، އަދި މާދަމާ ކުޅުދުއްފުށީ ސިޓީގައި މިފަދަ މުހިއްމު މުއައްސަސާއެއް ހުރުމަކީ ކިތަންމެހާވެސް ބޭނުންތެރިކަމެއްކަމަށެވެ.
މިފަދަ މަސައްކަތްތައް ކުރެވިގެންދަނީ ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ސަރުކާރުގެ މުއައްސަސާތައް ގުޅި ލާމެހިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިޔާސީގޮތުން ތަފާތުވާ ތަފާތުވުމަކީ މުޅިޤައުމުގެ ތަރައްޤީ އާއި ކުރިއެރުމަށް، އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާފަދަ ކަމަކަށް ހަދައިގެންނުވާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިތަންތަން ވީރާނާވެ ހަލާކުވެގެން ހިނގައިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހދ.ކުޅުދުއްފުށީގައި ހުންނަ ސްޓޭޓް ހައުސް ހުޅުވީ މަރާމާތަށްފަހު ބަދަލުތަކެއް ގެނެސްގެންނެވެ. ސްޓޭޓް ހައުސްގެ މަސައްކަތް ނިންމާފައިވަނީ 88 ދުވަހުންނެވެ.
ހޯމް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަގުސަދަކީ ދަކީ ރާއްޖޭގެ އަތޮޅުގެތައް ހިންގުމުގެ ބޭނުމަށްޓަކައި ދައުލަތުގެ ފަރާތުން ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ދައުލަތުގެ ފަރާތުން ހޯދާފައިވާ ވަސީލަތްތަކާއި، ރަށްރަށުގެ ހިންގުމުގެ ބޭނުމަށްޓަކައި ބިނާކޮށްފައިވާ އިމާރާތްތަކާއި، ވަސީލަތްތައް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެއްސުމެވެ.