ޚަބަރު

މޯލްޑިވިއަންއަށް އަލަށް ގެނައި އޭޓީއާރު ބޯޓުތަކުގެ ދަތުރުތައް ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ގައުމީ އެއާލައިން، މޯލްޑިވިއަން އަށް މި އަހަރު އަލަށް ގެނައި އޭޓީއާރް މަތިންދާބޯޓުތައް އެތެރޭގެ އުދުހުން ތަކުގައި ބޭނުން ކުރަން ފަށައިފިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރަމުންދާ ޑޭޝް މަރުކާގެ ބޯޓުތައް ބަދަލުކުރުމަށް އެ އެއާލައިނުން ގެންގުޅޭ ޕްލޭންގެ ދަށުން އޭޓީއާރު 600-72ގެ ދެ ބޯޓު ރާއްޖެ ގެނައީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ބޯޓުތައް އުދުހުންތަކުގައި ބޭނުންކުރަން ފެށުމުގެ ކުރިން ހަދަންޖެހޭ ސަލާމަތީ ބައެއް އިންސްޕެކްޝަންތައް ހެދުމަށްފަހު މިއަދު ވަނީ ޝެޑިއުލް ދަތުރުތަކުގައި ބޭނުން ކުރަން ފަށައިފައެވެ.

އެގޮތުން އޭޓީއާރްގެ ފުރަތަމަ ކޮމާޝަލް ފްލައިޓް މިއަދު ހަވީރު މާލެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ބާއްވައިފައެވެ. މި ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހަވީރު 5:45ގައެވެ. 70 މީހުންގެ ޖާގައިގެ މި ދެ ބޯޓު ބޭނުން ކުރަން ފެށުމާއެކު މޯލްޑިވިއަން އިން ވަނީ އެއާލައިންގެ އިން-ފްލައިޓް އާ ހިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދަތުރުތަކުގައި ޖޫސްތައްޓެއްގެ އިތުރަށް މިހާރު ޗޮކްލެޓަކާއި ޑްރައި ނަޓްސް ޕެކެޓެއްވެސް ޕަސިންޖަރުންނަށް ލިބޭނެއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުމުގެ ފެންވަރު ރަނގަޅުކުރުމަށް ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުނިޔޭގައި އެންމެ މަގުބޫލު ފްރާންސްގެ އޭޓީއާރު ކުންފުނިން ގަނެގެން މޯލްޑިވިއަނުން ގެނައި މި ދެ ބޯޓަކީވެސް މުޅިން އާ ދެ ބޯޓެވެ. މިއީ ގައުމީ އެއާލައިނުން މުޅިން އާ ބޯޓުތަކެއް ގަތް ފުރަތަމަ ފަހަރެވެ. މި ދެ ބޯޓުގެ އިތުރުން އޭޓީއާރު 400-72ގެ އިތުރު ބޯޓެއް މި މަހު ރާއްޖެ ގެނެވޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

އޭޓީއާރު އެއާކްރާފްޓުގެ ލުއި ސްޓްރަކްޗާ އާއި އޮޕްޓިމައިޒްޑް ސްޕީޑާއި އެއާކްރާފްޓުގައި ބޭނުންކުރާ PW127XT އިންޖީނަކާއެކު އޭޓީއާރު 600-72، އަކީ އެންމެ ފިއުލް ހަރަދު ކުޑަ އެއް ރީޖަނަލް އެއާކްރާފްޓެވެ. އޭޓީއާރުން ތެޔޮ އަންދާ މިންވަރު ކުޑަވުމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރުވުން މަދުވެ، ދަތުރުގެ ހަރަދުވެސް ކުޑަވެގެންދެއެވެ.