ޚަބަރު

ހިއްސާއަކަށް 24 ރުފިޔާ ބަހަން ބީއެމްއެލްގެ ބޯޑުން ނިންމައިފި

ހުސްވި އަހަރުގެ ހިއްސާގެ ފައިދާއިން ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައި ވަނީ އެކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމަށް ފަހުގައެވެ.

ދެހާސް ސަތާރަވަނަ އަހަރު ހިއްސާއަކަށް ވަނީ 22 ރުފިޔާ ބަހައިފައެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށް ނިންމަވައިދިނުމަށް އެދި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ޖުމްލަ ޑިވިޑެންޓްގެ ގޮތުގައި 129,166,080 (ސަތޭކަ ނަވާވީސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަހާސް އަށްޑިހަ) ރުފިޔާ އެކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި ހިއްސާދާރުންނަށް ބެހުމަށް ވަނީ ނިންމައިފައެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް ބީްއެމްއެލްގެ ވެބްސައިޓްގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސްއަށް 277 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ލިބިފައެވެ. އަދި އެކުންފުނީގެ ތިން ވަނަ ކުއާޓާގައި 365 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

2017 ވަނަ އަހަރު ބީއެމްއެލްގެ ސާފުފައިދާގެ ގޮތުގައި ލިބިފައިވަނީ 1.416 ބިލިއަން ރުފިޔާއެވެ.