ޚަބަރު

ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާ ފްލެޓްތައް އަތުލާނަން

އިބްރާހިމް ޒަކީ

3

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން، އޭރުގެ ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ފްލެޓް ތަކުުގެ ތެރެއިން ކުއްޔަށްދީގެން އާމްދަނީ ހޯދާ ފުލެޓްތައް އަތުލައްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާ ވަހި ކަމުގެ މަޝްރޫއު ''ވެށިފަހި މާލެ'' ޕްރޮގްރާމާއިބެގޭގޮތުން މައުލޫމާތު ދިނުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބައްދަލުވުުގައި އެ ޕްރޮގްރާމާބެހޭގޮތުން ސުވާލު ކުރުމަށް ހުޅުވައިލެއްވި ފުރުސަތުގައި މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެފަދަ ފްލެޓްތައް ހޯއްދަވާނެ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި އެމީހާ ބުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ތަނަވަސް މީހުންނަށާއި، ގޯތި ގެދޮރު ހުރި މީހުންނަށް ފްލެޓް ދީފައިވާކަން މިހާރު އެނގެން އެބައޮތް ކަމަށެވެ.

އަދި އެގޮތަށް އެފަދަ ތަންތަން ލިބިފައިވާމީހުން އެތަންތަން ކުއްޔަށްދީގެން އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި އެތަންތަން ބޭނުން ކުރަނމުންދާކަމަށެވެ. އަދި އެފަދަ ތަންތަން އަތު ނުލަންޏާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަތުލުމުގެ ބޭނުމެއްވެސް ނެތް ކަމަށްވާތީ، އެފަދަ ފްލެޓްތައް ހޯއްދަވާނެތޯ ރައީސް ނަޝީދަށް އޭނާ ސުވާލު ދެންނެވިއެވެ.

ވަގުތުން ރައީސް ނަޝީދު އޭނާއަށް ޖަވާބު ދެއްވީ އެތަންތަން ހޯއްދަވާނެ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ބައެއް މީހުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފެއްޓެވި ''ވެށިފަހި މާލެ'' ޕްރޮގްޜާމްގެ ދަށުން އޭރު ފްލެޓަށް ކުރިމަތިލައި ލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ލިސްޓުގައި ހިމެނިފައިވާ ގޮތަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އެމްޑީޕީއަށް އެޖެންޑާ 19 ކާމިޔާބު ކޮށްދީގެން ކަމަށްވެސް ވިދާޅުުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟