ޚަބަރު

ދޫނިދޫގައި ބަންދުކޮށްފައިހުރި މީހެއް ގޮޅީގެ ތެރެއަށް ވެއްޓި އަނިޔާވެއްޖެ

އަހުމަދު ޖައިޝަން

ދޫނިދޫ ޖަލުގައި ހައްޔަރުގައި ހުރި މީހަކު ގޮޮޅި ތެރެއަށް ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެމީހާ ގޮޅީގެ ތެރެއަށް ވެއްޓި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވެނީ މިއަދު ފަތިހު 03:45 އާއި 04:00 އާ ދޭތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ އޭނާއަށް ފަރުވާ ދިނުމަށް ދޫނިދޫ ކްލިނަކަށް ގެންދިޔަ ކަމަށެވެ. އޭނާގެ ބޮލުގެ ފުށްކިބައިގައި ޒަހަމްތަކެއް ހުރުމުން އޭނާގެ ބޮލުގައި ވަނީ ބޭސް އަޅާފައި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާ ވަނީ ބޭސްގަނޑު އަމިއްލައަށް ނައްޓާލާފައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އެކަމާ ގުޅިގެން ދޫނިދޫ ކްލިނިކުން ވަނީ އަނެއްކާވެސް އެމީހާގެ ބޮލުގައި ބޭސް އަޅައިފައެވެ.

ފުލުހުން ބުނީ އޭނާ ދޫނިދޫއަށް ގެންދިޔަ ފަހުން ހަތަރު ފަހަރެއްގެ މަތިން ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. އަދި ދޫނިދޫ މެޑިކަލް އަށް އެއް ފަހަރު ސައިކިއޭޓްރިސްޓް އަކަށް ދައްކާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވެފައިވާތީ އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ ވިތުޑްރޯވަލް ސިމްޓަމްސްތަކެއް ހުރުމުން އޭނާ ވަނީ އޭނާގެ ބައްޕައާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.