ޚަބަރު

ހުކުރު ދުވަހުން ފެށިގެން މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފަށަނީ

މުހައްމަދު އިޝާން

އަންނަ ހުކުރު ދުވަހުން ފެށިގެން މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، މަގުތަކަށް ކުނި އަޅާ މީހުންނަށް ފުރަތަމަ ފަހަރު ނަސޭހަތް ދެވިގެންދާނެ ކަމަށެވެ. އަދި އެކަން ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، 200 ރުފިޔާ އަދި ތިން ވަނަ ފަހަރަށް ކުނި އަޅައިފިނަމަ، 400 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ނިންމާފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"ގެ ދަށުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި "އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" އަށް ރިއާޔަތްކޮށް މާލެ ސިޓީއަކީ އަމާންކަމާއި ރައްކާތެރިކަން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ މަގުތަކަށް ކުނިއަޅާ މީހުން ޖޫރިމަނާކުރުމުގެ ބާރު "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުސޫލުގެ ދަށުން ވެސް ލިބިދޭ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް" އުސޫލު އާންމުކޮށް އަންގާ އިއުލާންކޮށްފައިވާނެ ކަމަށެވެ. އެ އުސޫލު އާންމުކުރިތާ ފަސް މަސްވެގެން ގޮސްފައިވާ އިރު، ސިޓީ ކައުންސިލުން، އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ނައުމުން، މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައެވެ.

"ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުނި އެޅުން މަނާ ސަރަހައްދުތައް ފާހަގަވާނެހެން ބޯޑުތައް ހަރުކުރި ނަމަވެސް އެސަރަހައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާކަން މާލެ ސިޓީ ކައުންސިލަށް ފާހަގަވުމާ އެކު ގެޒެޓް ކުރެވިފައިވާ (މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް) ދިނުމުގެ އުސޫލު ގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާ ގުޅިގެން މަގުތައް މޮނިޓާކޮށް މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަނެ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ،" ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ކުނިއަޅާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން، އެފަރާތަކުން ސިޓީ ކައުންސިލުން ހޯދަންޖެހޭ ހިދުމަތެއް ހޯދޭނީ ޖޫރިމަނާގެ ފައިސާ ސިޓީ ކައުންސިލަށް ދެއްކުމުން ކަމަށެވެ.